ޖުލައި 2, 2024

ވެރިކަމުގެ ބާރުތައް ފެށެނީ އަދި ދެމި އޮންނާނީ ރައްޔިތުންގެ އަތްމަތީ: އެކަމަކު އެކަން އެހެން ހިނގާތޯއެވެ؟

ލިޔުނީ: ފިޔޯރީ ކުދެ މުޙައްމަދު

ބޮޑުސުވާލެކެވެ. ވިސްނާލުމަށް ފަސޭއަކަށް ފުކެއްކުރިޔަށް ޖެހިލާނަމެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އާއި ހަމައަށެވެ. ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ހުވަނދޫ އަތޮޅުގައި ބޮޑު ހާދިސާއެއް ހިނގިއެވެ. އެއީ އަތޮޅުވެރިޔާ ވީރު އަލިދީދީ ހިކައަކުން ސައި ކައްކައި ބޯންދީގެން މަރާލުމެވެ. ތުހުމަތު ކުރެވުނީ ހަކީމްދީދީ އާއި އިތުރު ފަސް ބައިވެރި އަކަށެވެ. މައްސަލަ ބަލަން ދައުލަތުގެ ފަރާތުން ހަވަރުތިނަދޫއަށް ދިޔައީ ރައީސް މުޙައްމަދު އަމީން ދީދީ އާއި އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ފަހުމީ އާއި ބުޗާ ޙަސަން ކަލޭފާނެވެ. އެ މީހުން މާލެގެނެސް ކުރި ތަޙްޤީޤަށްފަހު ދަޢުލަތުގެ ފަރާތުން ޕްރޮސެކިއުޓް ކުރީ ރައީސް މުޙައްމަދު އަމީން ދީދީއެވެ. އެހެންވީމަ ޙުކުމް އޮންނާނެގޮތާއިމެދު ވިސްނާކަށް ނުޖެހެއެވެ.

ދަޢުލަތުގެ ވެރިން ހަވަރުތިނަދޫ އަށް ދިއުމަށްފަހު ހަވަރުތިނަދޫއިން ފުރުމުގެ ކުރިން ނިންމި އެއްކަމަކީ އަތޮޅުވެރިން އަވަހާރަވުމާއި ގުޅިގެން އަތޮޅުވެރިޔަކު އައްޔަންކުރުމެވެ. މިކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އަތޮޅުގެ އެކި ރަށްރަށުން އައިސް ތިބި ކަމުވޮށުވިގެންވާ މީހުންނާއި މަޝްވަރާ ކުރުމަށްފަހު އަތޮޅުގެ ވެރިކަމަށް އިސްކުރެވުނީ އައްޑު އަތޮޅު ހުޅުދޫ ހިރިހަމާތި ކަލޭގެފާނެވެ. ބުނެވޭ ގޮތުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވޯޓަށް އަހައިގެންނެވެ. ނޭނގޭ ކަމަކީ އެ ވޯޓު ދޭން އެތަނަށް ގެންދިޔަ މީހުން އެތަނަށް އެއްކުރީ ވޯޓުން ހޮވުނު މީހާކަން ނުވަތަ އެ ނޫން ކަމެވެ. އެއީ އޭގެ ފަހުން އުފެދުނު ސުވައިދީބު ސަރުކާރުގެ ފަރާތުން ހުވަދުއަތޮޅުގެ ވެރިއަކަށް ހިރިހަމާތިކަލޭގެ ފާނު ހުންނެވިއިރު ތިނަދޫގެ ވެރިކަން އޭނަގެ ދަރި ޢަބުދުﷲ ޚަޠީބަށް ދިން އިރު އެހެން ތަންތަނުގެ ވެރިކަމުގައި ތިބީ އެއްކަލަ ކޮމިޓީގެ މީހުންނާއި އެ މީހުންގެ އައުވާނުނެވެ.

މިއީ މީގެ ހަތްދިހަ އަހަރު ކުރީގެ ވާހަކައެއް ކަމުގައިވީ ނަމަވެސް މި ހާދީސާގެ ސަބަބުން އުފެދުނު ކަމުވޮށުވިގެންވާ މީހުންނާއި އެ މީހުންގެ ދަރިން އަދިވެސް ތިބީ ކަމުވޮށުވިގެންނެވެ. އާދޭހެވެ. އިއްޒަތާއި ޤަދަރު އުފުލިގެންވާ ބައެއްގެ ގޮތުގައެވެ. ފައިސާއާއި ތަނަވަސްކަމާއި ސިޔާސީ ގޮތުން ޤައުމަށް ޚިދުމަތްކުރުމުގައެވެ. އާދެ، ޤައުމަށް ޚިދުމަތް ކުރުންތޯއެވެ. މިއީ ކޮންމެ މީހަކަށްވެސް އެ ފުރުޞަތު ލިބިއްޖެނަމަ ކުރެވިދާނެ ކަމެކެވެ. އެކަކު އަނެކަކާއި ދިމާލަށް ހިތައްއައިހައި އެއްޗެއް އެއްފައްޗަށް އަމުނާލާ ގޮވާލަން ނޭނގޭ މީހަކު ހުންނާނެހެން ހިއެއް ނުވެއެވެ. އަދި ޖެހުނުތާކުން ޖެހުނު ގޮތަކަށް ސަލާންޖަހައިގެން ވެސް ވަދެ އެކަކު އަނެކަކަށް އިއްޒަތްތެރި އިއްޒަތްތެރި ކިޔާ އިއްޒަތްތެރި ނުކުރެވޭނެ މީހަކުވެސް ނުހުންނާނެވެ. ތި ވިސްނުނީ ރަނގަޅަށެވެ. މި ދައްކަނީ މަޖިލީހުގެ ވާހަކައެވެ.

އިއްޒަތާއި ޝަރަފާއި ވަޙުދަތުގެ ސްކޭމްގައި ރައްޔިތުން ޖެހި ދިގު ތިރީސް އަހަރު ނާސިރަށްދީ އަނެއް ތިރީސް އަހަރު މައުމޫނަށް ދިނުމަށްފަހު ސުރުޚީގައި ބުނެފައިވާ ވެރިކަމުގެ ބާރު ރައްޔިތުންގެ ކިބައިން ފަށައި ރައްޔިތުންގެ ކިބައިގައި ބޭއްވުމުގެ މަސައްކަތް ފެށި ފެހި ޤާނޫނުއަސާސީގެ ރޫޙަކީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބު ތަކުން ޕާޓީތަކުގެ ޓިކެޓް ދޭނެ މީހާ ކަނޑައެޅުން ކަމުގައި ހަދައި، އެ މަގުން ކާމިޔާބު މަސައްކަތްތަކެއް ކުރި އެމްޑީޕީ ”ހިންގާލަން“ ހަވާލުކުރި ޓީމުން ޕާޓީ ހިންގާލިލެއް ބާރުކަމުން ސޮއްސާލީ ހަތްދިހަ އަހަރު ފަހަތަށެވެ. އެތެރޭގެ ސަޕޯޓް ނެތް އެންމެން ނުކުމެ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ނުކުމެދާނެ އަނެއް ކެންޑިޑޭޓު ވޯޓަކާ ނުލައި ފަހަތަށް ޖެއްސުމަށްފަހު ޓިކެޓް ނަގައިފިއެވެ.

މި މަންޒަރު ބަލަން ތިބި ސަރުކާރު ހިންގާ އިއްޔެ ތިންހާސް ކިރިޔާ ހަމަވި ޕާޓީގަނޑު ނުކުމެ ސާޅީސްހާސް މެމްބަރުން ލިބިއްޖެއޭ ބުނެ ހިފަހައްޓަމުން އެ ދަނީ ވޯޓު އަޅަން ތިބި މީހުންގެ ލިސްޓުގައެވެ. ކެމްޕެއިން ކުރަން ބާކީ އޮތީ ފަނަރަދުވަހެވެ. މިދާ ގޮތަށްދާ ނަމަ މިފަނަރަ ނިމުމުން ދެން ބުނާނެ ވާހަކައަކީ މިވެނި އެވެނި ކަމެއް އެހެން މިހެން ދިމާވުމާއި ގުޅިގެން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި www.ppmpnc.com މި ލިސްޓްގައި ހިމެނޭ އެންމެންނަށް ޓިކެޓް ދިނުމަށް ސެނެޓުގެ އިއްތިފާޤުން ފާސްވެއްޖެ ކަމަށެވެ.

ދެން އެންމެން އަތްޖަހައިފައި ނުކުމެ ސަރުކާރުން ދެއްކި ކެންޑިޑޭޓަށް ވޯޓުދީ ހޮވާލުމުން އެއްލައްކަ ރުފިޔާގެ މުސާރައެއް ވަކި ބަޔަކަށް ދެވި ހަ މިލިއަން ރުފިޔާގެ ތަނަވަސް ކަމެއް ފަސް އަހަރު ތެރޭގައި އެއްކަލަ ލިސްޓުގައި ތިބި އެންމެނަށް ލިބިގެން ދިޔައީއެވެ. އިއްޒަތާއި ޤަދަރާއި ޝަރަފް ހޯދުމުގެ ފުރުޞަތު ނިކަމެތި ރައްޔިތު މީހާގެ ކިބައިން ނިގުޅިގެން ދިޔައީއެވެ. ހިރިހަމާތި ކަލޭގެފާނު ފަދަ އެތަކެއް ހިރިހަމާތި ކަލޭގެފާނެއް އުފަންވީއެވެ. މި ހިސާބުން އުފެދޭ ސުވާލަކީ ވެރިކަމުގެ ބާރުތައް ފެށެނީ އަދި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ޤާނޫނުއަސާސީގައި ލިޔެފައި އޮތަސް އެކަން އެހެން ހަމަ އަސްލަށްވެސް ހިނގާތޯއެވެ؟

-ނިމުނީ-