ސެޕްޓެމްބަރ 21, 2024

ރައީސް މުއިއްޒުގެ ފުނަދޫ ޕްލޭން އާއި ކުރެހުން: ރައީސް ސޯލިހުގެ މެނިފެސްޓޯގެ ސާފު ކޮޕީއެއް؟

ބޮޑު އަގުލަބިއްޔަތަކާ އެކު މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި މާލޭގެ ކުރީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަދިވީ 50 ވަރަކަށް ދުވަހެވެ. ވެރިކަމުގެ ވަރަށް ކުރީކޮޅު އެ މަނިކުފާނު ވަނީ ތަރައްގީގެ ބޮޑެތި ޕްލޭންތަކެއް އިއުލާން ކުރައްވައި، ފައްޓަވަމުންނެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ފެއްޓެވި ކަމަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު އެއް ވައުދެވެ. ފުށިދިއްގަރުފަޅު ހިއްކައި، ބޯހިޔާވަހިކަމަށް ހައްލު ގެނައުމެވެ.

މިދިޔަ ބުރާސްފަތި ދުވަހަކީވެސް މި ސަރުކާރުގެ ބޮޑު ރެއެކެވެ. އެރޭ ސަރުކާރުން ވަނީ ފަންސަވީސް މިލިއަން ފަސިންޖަރުންނާ ހަމައަށް ހިދުމަތް ދެވޭ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދެވަނަ ފެސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކޮށްފަ އެވެ.

އެ މަޝްރޫއު ނިމޭއިރު ކ. ފުނަދޫގައި މިހާރު ކުރަމުންދާ ތެޔޮ ރައްކާކުރާ މަސައްކަތް އެހެން ތަނަކަށް ބަދަލުކޮށް، އެ ރަށް ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް އެތަން ހަދައި، ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް އެ ރަށުގައި ގާއިމު ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ފުނަދޫ އާއި މާލެއާ، ފުނަދޫ އާއި ހުޅެލެއާ، ގުޅުވާލެވިފައިވާ ބުރިޖެއް ގާއިމުކުރާނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝިއަލް ހަބެއްގެ ގޮތުގައި ތަރައްގީކުރުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެކެވެ.

އަދި ފުނަދޫގައި ތަރައްގީކުރާ އެއާޕޯޓް އިކޮނޮމިކް ޒޯނުން އަންނަ ފަސިންޖަރުންނަށް ޓްރާންސިޓް ހޮޓެލްތަކާއި ޝޮޕިން ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރަކާއި އެންޓަޓެއިންމަންޓް ކޮމްޕްލެކްސް އަދި ކެއިން ބުއިމާއި ދަތުރުވެރިން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ޖާގަތަކާ އެކުގައި ތަރައްގީކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އެއާޕޯޓާއި ފުނަދޫ ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުންތަކާއި ވީޑިއޯތައްވެސް ދެއްކި އެވެ.

ރައީސް ސޯލިހުގެ މެނިފެސްޓޯގެ ކޮޕީއެއް؟

ރައީސް މުއިއްޒު އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅާއި ބޮޑު ސްކްރީނުން ދެއްކި ފޮޓޯ އާއި ވީޑިއޯތައް މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުގައި އިއުލާން ކުރެއްވި ގްރޭޓާ މާލެ މެނިފެސްޓޯ، ’އުފާވެރި މާލެ‘ ގައި ހިމެނޭ ކަންކަމެވެ.

މީގެ ހަތަރު މަސް ކުރިން، ސެޕްޓެމްބަރު 1، 2023ގައި ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އިއުލާން ކުރި އެ މެނިފެސްޓޯގެ ސޮފްހާ ނަންބަރު 16 އަދި 17 ގައި ވަނީ ފުނަދޫ ތަރައްގީ ކުރަން ރައީސް ސޯލިހުގެ ވިސްނުންފުޅެވެ. އޭގައި ލިޔެފައިވަނީ މިހެންނެވެ.

”ފުނަދޫގައި ހުރި ފިއުލް ސްޓޯރޭޖްތައް ބަދަލުކޮށް، ގުނަދޫއާއި މާލެއާއި އިންޓަކަނެކްޝަން ގާއިމުކޮށް، ފުނަދޫގައި ކޮންވެންޝަން ސެންޓަރަކާއި ޝޮޕިން މޯލް އަދި އެކި އެންޓަޓައިންމަންޓް ވަސީލަތްތައް ހިމެނޭ ސިޓީ ހޮޓަލެއް ތަރައްގީކުރުން،“

މިއީ ރައީސް މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ދެއްކެވި ވާހަކަފުޅުގައިވެސް ހިމަނާފައިވާ ކަންކަމެވެ. ނަމަވެސް އެންމެ ބޮޑަށް ފާހަގަވި ކަމަކީ އެ ރަސްމިއްޔާތުގައި ފުނަދޫ ތަރައްގީކޮށް ނިމޭއިރު އޮންނާނެ ގޮތް ކަމަށް ބުނެ ދެއްކި ކުރެހުމެވެ.

އެ ކުރެހުމުގެ އެންމެ ތަންކޮޅެއް ފިޔަވައި ދެން ހުރީ މުޅިންވެސް ރައީސް ސޯލިހުގެ މެނިފެސްޓޯ ފޮތުގައިވެސް ފުނަދޫ އޮންނާނެ ގޮތެވެ. އެ ރަށުގެ އިރުމަތީގައި ހަދާ އިމާރާތާއި އެ އިމާރާތުގެ ބޭރުގައި އޮތް ބޮޑު ޔޮޓުވެސް ހަމަ އެގޮތަށެވެ. ރަށުގެ ޖެޓީގެވެސް ތަފާތެއް ނެތެވެ. އުތުރުގައި ހަދަން ނިންމި ހުދު އިމާރާތްވެސް ހަމަ އެ ޑިޒައިނަށް، އެ ކުލަތަކާއެކު އެވެ.

ރައީސް މުއިއްޒުގެ ފުނަދޫ ޕްލޭންގައި ހިމެނޭ ހަމައެކަނި ތަފާތަކީ ރަށު މެދުގައި އޮސްޓްރޭލިއާގެ ސިޑްނީގައި ހަދާފައި ހުންނަ އޮޕަރާ ހައުސްއާ ދާދި އެއްގޮތަކަށް ހަދަން ނިންމާފައިވާ އިމާރާތެވެ. ރައީސް ސޯލިހުގެ ފުނަދޫ މެނިފެސްޓޯގައި އެ ރަށުގެ މެދުގައި ހަދަން ނިންމާފައި އިނީ އުސް ޓަވަރެކެވެ.

މި ކަންކަން މިހެން ހުރުމުން ބައެއް މީހުން ދަނީ ރައީސް މުއިއްޒު އެމްޑީޕީގެ މެނިފެސްޓޯ އިން ވައްކަން ކުރެއްވި ކަމުގެ ތުހުމަތު ކުރަމުންނެވެ.