އިންޑިއާގެ ލަކްޝަދީޕްގެ ޕްރޮމޯޓް ކުރަން ނިންމުމާއެކު މީޑިއާގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށް ޕޯސްޓް ކުރި ދިވެހި ސަރުކާރުގެ އޮފިޝަލުންތަކެއް މިއަދު ސަސްޕެންޑް ކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަރުކާރުގެ މަގާމުތަކުގައި ތިބެ، އިންޑިއާއަށް ކުޑައިމީސްވާ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރެއްވި ބޭފުޅުން މިހާރު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އެއީ ކޮން ބޭފުޅުންނެއް ކަމެއް އަދި ސަސްޕެންޑް ކުރީ ކިހާ ދުވަހަކަށް، ކިހިނެތް ކަމެއް ހާމައެއް ނުކުރެ އެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މައްސަލާގައި ސަސްޕެންޑް ކޮށްފައިވަނީ ޔޫތް މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި އަބްދުﷲ މަހްޒޫމް މާޖިދެވެ.
ލަކްޝްދީބުގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް މޯދީ އާންމުކުރެއްވި ވީޑިއޯއަކާ އެކު ރާއްޖެއާ ދެކޮޅަށް އިންޑިއާގެ ރައްޔިތުން ގެންދަނީ ބޮޑު ކެމްޕެއިނަށް ކުރަމުންނެވެ. އެކަމާ ގުޅިގެން އެކްސްގައި ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި އިންޑިއާގެ ބައެއް ރައްޔިތުންނާއި ޓްރޯލް އެކައުންޓްތަކުގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރަމުންނެވެ.
އަދި އެކްސްގައި ވެރިފައިކޮށްފައި ހުރި ސަރުކާރުގެ އިސް އޮފިޝަލުންގެ އެކައުންޓުތައް މެދުވެރިކޮށް ބައެއް ބޭފުޅުން ވަނީ މޯދީއަށް މަލާމާތްކޮށް ހުތުރު ބަހުން މުހާތަބުކޮށްފަ އެވެ. އޭގެ ތެރޭގައި އެކްޓިވިސްޓުންގެ ގޮތުގައި ކުރިން އުޅުނު، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ހިމެނެ އެވެ.
މިހާރު ޑިލީޓްކޮށްފައިވާ ޓްވީޓެއްގައި ޝިއުނާ ވަނީ މޯދީއަކީ “ޖޯކަރެއް” ކަމަށާއި “އިޒްރޭލުގެ ޕަޕެޓް” އެއް ކަމަށް ސިފަކޮށްފަ އެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އިސް މަގާމުތަކެއްގައި ތިއްބެވި އޮފިޝަލުންތަކެއް ބޭރު ގައުމުތަކެއްގެ ލީޑަރުންނާ ދެކޮޅަށް ދަށު ދަރަޖައިގެ ބަހުރުވައިން މުހާތަބު ކޮށްފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް އެ ހިޔާލުތަކަކީ އެ އޮފިޝަލުންގެ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ދިވެހި ސަރުކާރުގެ ވިސްނުން ރަމްޒުކޮށްދޭ ހިޔާލުތަކެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ސަރުކާރުން ބުނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި، ނަފުރަތާއި ނެގެޓިވްކަން ނުފެތުރުމާއި ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް ކަމަށެވެ.
“އެފަދަ ދަށުދަރަޖައިގެ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ފަސްނުޖެހޭނެ,” އެ ބަޔާނުގައި ބުނެފައިވެ އެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި