ސެޕްޓެމްބަރ 21, 2024

ފްލޯޓިން ކޮޓަރި ތަކާއެކު ކޭލަކުނުގައި އިކޯ ޓޫރިޒަމަށް ތަރައްގީ ކުރަނީ

ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ހދ. ކޭލަކުނު، އިކޯ ޓޫރިޒަމަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ސަރުކާރުން އެގޮތަށް ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ވިޒިޓާ އިކޮނޮމީ ކައުންސިލުން މަޝްވަރާގެ މަތިން މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ.

އެގޮތުން ގުދުރަތީ ރީތިކަމާއި މޫދުގެ ދިރުންތަކަށް ގެއްލުން ނުވާ ގޮތަށް އެ ރަށް ތަރައްގީ ކުރުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެހެނިހެން ފަރާތްތަކާ ގުޅިގެން ދިރާސާއެއް ހެދުމާއި އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ވިޒިޓާސް ސެންޓަރެއް ހެދުމަށް ކެބިނެޓުން ނިންމެވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި އެ ރަށުގެ ތާރީހާއި ރަށުގެ ތާރީހީ ތަންތަނާއި ރަށުގެ ވަށައިގެންވާ ދިރުންތަކުގެ މައުލޫމާތު ފުރިހަމައަށް ދެވޭނެ އިންތިޒާމު އެ ސެންޓަރުން ހަމަޖައްސައި، ރަށުގެ ފަރުތަކާއި މުރަކަތަކަށް ގެއްލުން ނުވާ ގޮތަށް ފްލޯޓިން ރޫމްތަކެއް އެޅޭނެ ގޮތެއް އޮތްތޯ ބެލުމަށްވެސް ކެބިނެޓުން ނިންމެވި ކަމަށް ވިދާޅުވިއެވެ.

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލޫޕީސް މޯލްޑިވްސް އިން މީގެ ކުރިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ކޭލަކުނަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެކެވެ. ހަމަ އެއާއެކު 80.23 ހެކްޓަރު ބޮޑު އެ ރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނެ އެވެ.

އެ ރަށަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފަތުރުވެރިކަމުގެ މަސައްކަތް ދޫކުރާ ރަށްތަކުގެ ލިސްޓަށް އިތުރުކުރި ރަށެކެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެ ރަށާއި އެ ރަށުގެ ފަޅާއި ފަރުތައް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވި އެވެ.