ޖުލައި 6, 2024

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު30 ގަ ހުޅުވާލަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ހުޅާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 17 މާޗުގައި ބާއްވާ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އިން ފެށިގެން އަންނަމަހުގެ 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާނެކަމަށެވެ.

އަދި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން އަންނަމަހުގެ 16 ވަނަ ދުވަހަށް ތާވަލުކޮށްފައިވާކަމަށާއި، ކެމްޕޭން ކުރުމުގެ ފުރުސަތު އަންނަމަހުގެ 16 ވަނަ ދުވަހުން ފެށިގެން މާޗުމަހުގެ 16 ވަނަ ދުވަހާއި ހަމައަށް ލިބިގެންދާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ލިސްޓުގައި އެ މީހަކާ ގުޅޭ މައުލޫމާތު ސައްޚަތޯ ކަށަވަރުކުރުމަކީ ފަރުދީ ޒިންމާއަކަށް ހަދަންޖެހޭކަމަށެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެލުމުގެ ފުރުސަތު 21 ޖެނުއަރީއާ ހަމައަށް ހުޅުވާލާފައިވާއިރު، ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު ގެނެވޭ ބަދަލުތައް 30 ޖެނުއަރީގައި އާއްމުކުރުމަށް ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އަންނަމަހުގެ 1 އިން 7 އަށް ރީ ރަޖިސްޓްރޭޝަން ފުރުސަތު ހުޅުވާލުމަށްފަހު އަންނަމަހުގެ 29 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓް އާއްމު ކުރައްވާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.