ޖުލައި 6, 2024

ރަސްމާލޭގަ 30،000 ހައުސިންގ ޔުނިޓް ޗައިނާގެ އެހީގައި ތަރައްގީކުރަނީ

ތިމާވެއްޓާ ރައްޓެހި ޒަމާނީ ސިޓީއެއްގެ ގޮތުގައި ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ ރަސްމާލޭގަ 30،000 ހައުސިންގ ޔުނިޓް ޗައިނާގެ އެހީގައި ތަރައްގީ ކުރާނެކަމަށް ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ރަސްމާލޭގައި ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗާއިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

ސަރުކާރުން ބުނީ  ޗައިނާއާ އެކީ ރާއްޖެ އިން ސޮއިކުރި ގިނަ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއްބަސްވުމެއްގެ ތެރެއިން ލިބޭ އެހީއެއް ކަމަށެވެ. ޗައިނާއާ އެކީ ރާއްޖެ އިން 20 އެއްބަސްވުމެއްގައި ބުދަދުވަހު ސޮއިކުރި އިރު، ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރަން ހަމަޖެހިފައިވާ ރަސްމާލޭގައި ސޯޝަލް ހައުސިންޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނޭ ކަމަށެވެ. މީގެއިތުރުން ރަސްމާލޭގައި އަސާސީ އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމާއި ގުޅޭ އެއްބަސްވުންތައްވެސް ހިމެނެއެވެ. މިގޮތުން އެހެނިހެން އުމްރާނީ ވަޞީލަތްތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި މަގުތައް ތަރައްޤީކުރުން އޭގެތެރޭގައި ހިމެނެއެވެ.

އެގޮތުން ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިންގ ޔުނިޓް ތަރައްގީ ކުރަން ނިންމި ނަމަވެސް މިކަމާ ބެހޭ އިތުރު ތަފުސީލެއް ސަރުކާރުން އަދި ނުދެ އެވެ.