އޮކްޓޯބަރ 14, 2024

ވޯޓާސް ލިސްޓް ރަގަޅަށް ޗެކްކުރުމަށް އީސީން އިލްތިމާސް ކޮށްފި

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާން ބާކީ އޮތީ ހަ ދުވަސްކަމަށާއި، އެހެންކަމުން މައުލޫމާތު ރަނގަޅަށް ޗެކްކުރުމަށް އިލެކްޝަން ކޮމިޝަނުން އިލްތމާސް ކުރައްވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މިއަހަރުގެ މަޖިލީސް އިންތިޚާބުގައި ވޯޓުލާ މީހުންގެ ނަމާއި އެޑްރެސް، އައިޑީ ކާޑު ނަންބަރު އަދި ހާާއްސަކޮށް ވޯޓުލާ ދާއިރާ އޮތީ ރަނގަޅަށްތޯ ބެލުން ވަރަށް މުހިންމުކަމަށެވެ. އަދި ރަގަޅަށް ޗެކްކޮށް ނުލެވިއްޖެނަމަ ބޭނުންވާ ދާއިރާއަށް ވޯޓް ނުލެވިދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. އަދި މިމަހުގެ 10 ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.މިހާރު ބާކީ އޮތީ އެންމެ ހަ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓުގައި މައުލޫމާތު ހިމަނާފައިވާނީ ކޮންމެ މީހެއްގެވެސް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބަލައިގެން ކަމަށެވެ. އަދި ގޭގެ ރަޖިސްޓްރީއަށް ކޮމިޝަނުން ނުބަލާނެ ކަމަށާއި، އެހެންކަމުން އެ މައުލޫމާތު ދިމާވޭތޯ ބެލުމަށްވެސް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

“ ކަނޑައެޅިފައިވާ މުއްދަތުގައި ވޯޓާސް ލިސްޓުގައި ހިމެނޭ މައުލޫމާތު ޗެކު ނުކުރެވިއްޖެނަމަ، އެމީހަކު ބޭނުންވާ ދާއިރާއަށް ވޯޓު ނުލެވިދާނެ. ވޯޓާސް ލިސްޓުގައި މައުލޫމާތު ހިމަނާފައިވާނީ ކޮންމެ މީހެއްގެ އައިޑީ ކާޑަށް ބަލައިގެން. ގޭގެ ރަޖިސްޓްރީއަށް ކޮމިޝަނުން ނުބަލަން. އެހެންވެ މިދެންނެވީ އެ މައުލޫމާތު ދިމާވޭތޯ ރަގަޅަށް ޗެކްކުރުމަށް.“ އީސީން ވިދާޅުވިއެވެ.

ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ މައުލޫމާތު 1414 އަށް ގުޅައިގެން ނުވަތަ VR (space) NID ޖެހުމަށްފަހު 1414 އަށް އެސްއެމްއެސް ކޮށްލުމުން ވެސް ބަލައިލެވޭނެއެވެ.