ޖުލައި 4, 2024

ދިހަ ޤައުމެއްގެ 20 މީހަކަށް މަޖިލިސް އިންތިޚާބު އޮބްޒާވް ކުރަން ދައުވަތު ދީފި

އަންނަ މާރިޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި 10 ޤައުމެއްގެ 20 މީހަކަށް ދަޢުވަތު ދެއްވާފައިވާކަމަސާއި، އަދި 5 ޖަމްޢިއްޔާއަކުން 10 މީހަކަށް ފުރުޞަތު ދިނުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މާރިޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ޝެޑިއުލް ކޮށްފައިވާއިރު އިންތިޚާބު ކަވަރުކުރުމުގެ ފުރުޞަތު ބޭރުގެ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. އިންތިޚާބު ކަވަރކުރުމަށް އެދި ފޯމް ހުށައެޅުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައްވާފައެވެ. މި ފުރުޞަތު ހުޅުވާލައްވާފައިވަނީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި ބޭރުގެ އެހެނިހެން ފަރާތްތަކަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 31 އިން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އަދި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އަންނަ މަހުގެ 16 ވަނަ ދުވަހު އިޢުލާންކުރައްވާނެ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ޙައްގުލިބިފައިވެއެވެ. އެއީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ.

Leave a Reply