ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވެގެން މަރުވި ކުއްޖާގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ފަރުވާ ލަސްވެގެން އިއްޔެ މަރުވެފައި ވަނީ، ގއ. ވިލިނގިލީ/ ފެންފިޔާޒުގެ، މުހައްމަދު ޖާހު ހާލިދު، 13އ. އެވެ. ކުއްޖާގެ އާއިލާ އިން ބުނި ގޮތުގައި، ކުއްޖާއަށް އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ނުގެނެވި ލަސްވީ ޝެޑިއުލް ފުލައިޓެއް ނުލިބިގެންނެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނެވުނީ މާލެ ގެނައުމަށް އެދުނުތާ 16 ގަޑިއިރު ފަހުންނެވެ.
މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން ކަންތައް ކުރިގޮތް ބަލައިދިނުމަށް މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އެވެ.
އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މެންބަރު ސައުދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިމާވާ އިމަޖެންސީ ހާލަތުގައި މީހުންނާއި އުޅަނދުފަހަރު ގެއްލިގެން ހޯދުމާއި، ސިއްހީ ބަލި ހާލަތު ދަށްވެ އިމެޖެންސީގައި އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހޭ ބަލި މީހުން އުފުލުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެގޮތުން ޖާހުގެ މައްސަލަ ފާހަގަ ކުރައްވައި ސައުދު ވިދާޅުވެފައި ވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އެ ކުއްޖާގެ ހާލަތު އިތުރަށް ގޯސްވެ ވީ އެންމެ އަވަހަކައަށް މާލެ ގެންދިއުމަށް ޑޮކްޓަރުން ލަފާ ދެއްވި ކަމަށެވެ. އެފަދަ އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރަން އޮންނަ ހާއްސަ ފްލައިޓާއި ހެލިކޮޕްޓަރު ތައްޔާރަށް އޮތް އިރުވެސް އޭގެ ބޭނުން ނުކޮށް، އައިލެންޑް އޭވިއޭޝަންގެ ފްލައިޓް ލިބެން އޮތް ވަގުތަކަށް ވަރިހަމަކޮށް އެ ކުއްޖާއަށް ބޭނުންވާ ހާއްސަ ފަރުވާ އަވަސް ކުރުމަށް ގަސްތުގައި ހުރަސްއަޅާފައިވާކަން ފާހަގަ ކުރާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ޖާހު މަރުވި ހާދިސާގައި، އެވަގުތާ ހަމައަށް ރާއްޖޭގައި ލިބެން ހުރި އިމަޖެންސީ ވަސީލަތްތައް ބޭނުންނުކޮށް، ގަސްތުގައި އަވަސް ފަރުވާއަށް އެ ކުއްޖާ މާލެ ގެނައުން ލަސްކުރި މައްސަލަ ބަލައި ދިރާސާކޮށް، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، މި ހާދިސާގައި އެކި މުއައްސަސާތަކުން ވެފައިވާ އިހުމާލުތައް ބަލައިދިނުމަށް އެ ސިޓީގައި ސައުދު ވަނީ އެދިވަޑައިގެންފަ އެވެ.




ގުޅުންހުރި
މީހުން ބަދަލުކުރާ ހިރިމަރަދޫގައި 4 މިލިއަންގެ ޕްރޮޖެކްޓެއް, ފާޑުކިޔާތީ ސަރުކާރުން ރައްދު
ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުމެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓި ދުއްވި ކެޕްޓަނުގެ އަތުގައި ލައިސަންސެއް ނެތް!
ތަރައްގީގެ 206 މަޝްރޫއެއް ހިންގުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި
ކޮޅަށް މި ޖެހީ ބަނގުރޫޓު ކޮށްލުމަށް ޑިޒައިން ކޮށްފައިވާ އިގުތިސާދެއް: ރައީސް
އެމްއެންޑީއެފަށް އިތުރު އަސްކަރީ މަތިންދަބޯޓުތައް ހޯދައި, ސައިބާ ވޯފެއާގެ ކެޕޭސިޓީ އިތުރުކުރަނީ