ގއ. ވިލިނގިލިން ފަރުވާއަށް މާލެ ގެނައުން ލަސްވެގެން މަރުވި ކުއްޖާގެ މައްސަލާގައި އެކަމުގެ ޒިންމާއިން ދައުލަތުގެ އިސްވެރިން ރެކުމަކީ ފިނޑި އަމަލެއް ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
ފަރުވާ ލަސްވެގެން އިއްޔެ މަރުވެފައި ވަނީ، ގއ. ވިލިނގިލީ/ ފެންފިޔާޒުގެ، މުހައްމަދު ޖާހު ހާލިދު، 13އ. އެވެ. ކުއްޖާގެ އާއިލާ އިން ބުނި ގޮތުގައި، ކުއްޖާއަށް އާސަންދަ ހަމަޖެހުނު ނަމަވެސް މާލެ ނުގެނެވި ލަސްވީ ޝެޑިއުލް ފުލައިޓެއް ނުލިބިގެންނެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މާލެ ގެނެވުނީ މާލެ ގެނައުމަށް އެދުނުތާ 16 ގަޑިއިރު ފަހުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ޖާހުގެ އާއިލާއަށް ތައުޒިޔާ ކިޔައި ރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާއިރު, އެ ވަސީލަތްތައް ބޭނުން ނުކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
”ސަރުކާރުގެ އިސްވެރިން މި ހާދިސާގެ ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން މި ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގައެވެ. މިކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ކިބައިން މައާފަށް އެދުމަށް ގޮވާލަމެވެ.“ އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަން ޖެހޭ ކޮންމެ ހާލަތެއްގައި ބޭނުންކުރަންޖެހޭ ކަމަށެވެ.
”މިއީ ދިވެހި ދަރިއެއްގެ ފުރާނައަށް ވުރެ އަމިއްލަ ސިޔާސީ މަސްލަހަތު ސަރުކާރުން އިސްކުރި ދެވަނަ ފަހަރެވެ. ސަރުކާރުން ގޮތް ދޫނުކުރުމުގެ އަގަކީ މައުސޫމު ދިވެހި ޅަދަރިންގެ ފުރާނައަށް މިއަދު މިވަނީ ވެފަ އެވެ،“ އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.




ގުޅުންހުރި
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
ރައީސް މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ
ހުޅުމާލޭ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ދުވަސްވީ އުޅަނދުތައް ޓޯކުރަން
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި