ޖުލައި 6, 2024

އިހަވަންދިއްޕޮޅު ތަރައްގީ ކުރާނީ އިކޮނޮމިކް ގޭޓްވޭގެ ނަމުގައި، މަސައްކަތް ފްރީޒޯން ކުންފުންޏަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ’އައިހަވަން’ގެ ނަމުގައި ތަރައްގީ ކުރަން އުޅުނު އިހަވަންދިއްޕޮޅު އިންޓަގްރޭޓެޑް މަޝްރޫއު އާ ނަމެއްގައި ފަށަން ނިންމައި، އެ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކުންފުންޏާ ހަވާލުކުރަން މިއަދު ސަރުކާރުން ނިންމައިފި އެވެ.

މެރިޓައިމް ހިދުމަތްތަކާ އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގައި ތަރައްގީކުރަން މި ސަރުކާރުން ނިންމާފައިވަނީ ”މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ“ ނުވަތަ ރާއްޖޭގެ އިގުތިސާދީ ދޮރާށީގެ ނަމުގަ އެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އިހަވަންދިއްޕޮޅުން އެ މަޝްރޫއަށް ކަނޑައަޅާ ސަރަހައްދުގެ ޑިވެލޮޕްމަންޓް ރައިޓްސް، ފްރީޒޯން ކުންފުންޏަށް ދެއްވައިފަ އެވެ.

އަދި އެ މަޝްރޫއު ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ރައީސް ވަނީ ނިންމަވައިފަ އެވެ.

ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ގައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށްގެން ފްރީޒޯން ކުންފުނި އުފެއްދީ މި މަހުގެ ދެވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ.

އެ ކުންފުނި އުފެއްދީ ސަރުކާރު ހިއްސާވާ ފަސް ކުންފުނި ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް (އެމްޕީއެލް)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާ ގޮތަށެވެ.

އިހަވަންދިއްޕޮޅު މަޝްރޫއުއަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ފަށަން ނިންމި މަޝްރޫއެއް ނަމަވެސްއެ މަޝްރޫއުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ވަނީ އިހަވަންދިއްޕޮޅު، ހާއްސަ އިގުތިސޯދީ ސަރަހަދެއްގެ ގޮތުގައި ތަރައްގީކުރަން ނިންމައި، ބޮޑެތި މަޝްރޫއުތަކެއް އިއުލާންކޮށް، ބައެއް މަޝްރޫއުތަކުގެ މަސައްކަތް ވެސް ފަށައިފަ އެވެ.