ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު އަޒުލު ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބޭނުންވާ ސޮއި ހަމަކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެފައި ވަނިކޮށް ގާސިމު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނުވާހާ ހިނދަކު، އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިނުވާހާ ހިނދަކު، މަގާމުން ވަކިކުރުމަކީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށެވެ.
”ސިޔާސީ ގޮތުން ބަދަލުހިފުމުގެ ނިޔަތުގައި ތިމާމެން ވެރިކަމާ ހަވާލުވެގަތުމަށްޓަކައި، އެއްވެސް ހަމައެއް ލަމައެއް ނެތި ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރުމަކީ ނުވަތަ އަޒުލުކުރަން ހުށަހެޅުމަކީވެސް، ދިވެހި ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމެއް ކަމުގައި ނޫނީ ނުވާނެއެވެ. އަމުދުން ދައުރެއް ނިމެމުންދާ މަޖިލިސްއެއްގެ ތެރެއިން މިފަދަ އަމަލެއް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.“ ގާސިމު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސްގެ އިތުބާރު ނެތް ކަމަށް ނަގަން ޖެހޭނީ އެކަށޭނެ ސަބަބުތަކެއް ހުރެގެން ކަމަށެވެ. އެއީ މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފައި ޖެއްސުމަށް ކޮށްލަން ކުރާ ކަމަކަށް ހެދުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާވެސް މުޅީން ހިލާފު އަމަލެއް ކަމަށްވެސް ވިދާޅުވި އެވެ.
”މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެންދާނީ އިތުރު ހިތާމައި ނިކަމެތި ކަމެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމަށް ފަށާފައިވާ މަސައްކަތް އެއްވެސް ޝަރުތެއް ނެތި ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަމެވެ.،“ ގާސިމު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، މިހާތަނަށް ރައީސް ޑރ. މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގައުމަށްޓަކައި، ގައުމަށް ކުރިއެރުން ހާސިލުކޮށް ދެއްވުމަށް ކަމަށެވެ. އެހެންކަމުން އެ މަނިކުފާނަށް ގާނޫނީ ވެރިކަން ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފުރިހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ގުޅުންހުރި
ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގެ ބޮޑު ޕަސަންޓެއް ޒުވާނުންނަށް
ހަ މަސްތެރޭ ޕީއެންސީން 300 މެންބަރުން ވަކިވި!
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަން: ފައްޔާޒު
މިނިވަން ދުވަސް ފާހަގަކުރަން 28 ޖުލައި ބަންދުކޮށްފި
އިރާން-އިޒްރޭލް ހަނގުރާމައަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ އެމްޑީޕީގެ ސަބަބުން: ފަލާހު
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލާ ރަށްރަށުގެ މީހުންނަށް ފައިސާގެ އިނާމެއް ދެނީ