ޑިއުޓީއަށް ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުލުހުންތަކެއް ---

މާލޭގެ މަގުމަތީގައި ޓްރެފިކް ބެލެހެއްޓުމުގެ ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށްފަހު ފިލަން އުޅުނު ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހަވީރު 5:34 ހާއިރު، ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު، އެ ސައިކަލު ދުއްވަން އިން މީހާ ފިލަން މަސައްކަތްކުރި ކަމަށެވެ. އެ ހާދިސާގައި ފުލުހަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ/ މާތޮޑާއަވަށް، ހަތި، އުމުރުން 23 އަހަރުގެ ސާއިން އަބްދުލްގައްޔޫމެވެ. އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލައިގައި ހިމެނޭ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ޓޯކޮށްފަ އެވެ.