ރާއްޖޭގައި ހޭދަކުރި ޗުއްޓީއަށްފަހު ރުޕާލީ ބުނީ، އިންޑިއާއަށްވުރެ ރަނގަޅު ތަނެއް ނެތް ކަމަށް

އިންޑިއާގެ ޓީވީ ޑްރާމާތަކުން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އަދި މިހާރު އިންޑިއާގެ ޓީވީ ސިނާާއަތުގައި އެންމެ މުސާރަ ބޮޑު އެއް ބަތަލާއަކީ ރުޕާލީ ގަންގުލީ އެވެ. އޭނާ ދާދި ފަހުން ވަނީ ފިރިމީހާ އާއި ދަރިފުޅު އަދި މަންމަ ގޮވައިގެން އާއިލީ ޗުއްޓީއަކަށް ރާއްޖެ އައިސްފަ އެވެ.

’އަނޫޕަމާ’ގެ ބަތަލާ ވަނީ އެ މީހުން ދަ ސްޓޭންޑަޑް ރިސޯޓުގައި ހޭދަކުރި ޗުއްޓީގެ ބައެއް ކަންކަން ޔޫޓިއުބް ވްލޮގެއް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ. ހާއްސަކޮށް ސީޕްލޭން ދަތުރެއް ކުރެވުމުން އެކަމުގެ އުފާ އޭނާ ހިއްސާކުރި އިރު, ރިސޯޓުގެ ޕްރައިވެޓް ޕޫލްގައި މަންމައާއެކު ހޭދަކުރި ވަގުތާއި މަންމައަށް ފަތަން ދަސްކޮށްދިންތަން ވެސް ހިއްސާކޮށްފައިވެ އެވެ.

ނަމަވެސް ރިސޯޓަށް ދިއުމާއެކު ރުޕާލީ ވަނީ ގައުމު މަތިން ހަނދާންވެ, ’ހޯމްސިކް‘ ވާފަން ފަށާފައިވާ ކަމަށް ބުނެފަ އެވެ. ހާއްސަކޮށް އޭނާގެ ކުއްތާތައް މަދިން ވަރަށް ބޮޑަށް ހަނދާންވެގެން އޭނާ އެ ވާހަކަ ދެއްކި އެވެ.

ޖަނަވާރުންދެކެ, ހާއްސަކޮށް ކުއްތާތައް ދެކެ ލޯބިވާ ރުޕާލީ ބުނީ, އޭނާ ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގައި މަގުމަތީގައި އުޅޭ ޖަނަވާރުތައް ނުފެނުމުން އެކަމުގެ ފަޅުކަން އިހުސާސްވި ކަަމށެވެ.

”ރާއްޖެ ރީތި. އެކަމަކު އޯކޭ. އަހަންނަށް މާކަމުދޭ އަހަރެންގެ ގޯއާ. ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ދެވިދާނެ. އެކަމަކު އިންޑިއާއަށްވުރެ ވަކިން ރަނގަޅު ތަނެއް ނޯންނާނެ. ހިންދުސްތާނަށްވުރެ, ބާރަތަށްވުރެ ރަނގަޅު އެއްވެސް ތަނެއް ނެތް“ ރުޕާލީ ބުނެފައިވެ އެވެ.

އޭނާ ބުނީ, އިންޑިއާ މީހުން އިންޑިއާއިން ބޭރަށް ގެންދެވިދާނެ ކަމަށާއި އެކަމަކު އިންޑިއާ މީހުންގެ ކިބައިން އިންޑިއާއެއް ދުވަހަކުވެސް ވަތްކެއް ނުކުރެވޭނެ ކަމަށެވެ.