ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން، އެ މަނިކުފާނާ ސުވާލު ކުރަން ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އަންގަވައިފި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހަކު ހަތިޔާރެއް ބޭނުންކޮށްގެންނެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ހާލު ރަނގަޅު ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
އެ ހަމަލާ ކުށްވެރިކޮށް ޝަމީމަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑިމޮކްރެޓިކް މުޖުތަމައެއްގައި ސިޔާސީ މަގުސަދެއްގައި ހިންގާ އަނިޔާވެރި އަމަލުތަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރަށް ގޮވާލި އެވެ.
ރައީސް ސޯލިހުގެ އެ ޕޯސްޓަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، ޝަމީމަށް ދިން ހަމަލާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ހާއްސަ އިސްކަމެއް ދީގެން ކަމަށާއި ހަމަލާދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް ވިދާޅުވެފައިވުމަކީ އެ މަނިކުފާނަށް އެ ހަމަލާގެ މޯޓިވް އާއި ހަމަލާ ދިނުމުގެ ފަހަތުގައި ތިބި މީހުންގެ މައުލޫމާތު އެނގިވަޑައިގަންނަވާ ކަމަށް ބެލެވޭނެ ކަމަކަށްވާތީ، އެ މައުލޫމާތުތައް ފުލުހުންނާ ވަގުތުން ހިއްސާ ކުރެއްވުމަށް ކުރީގެ ރައީސްގެ އަރިހުން އެދެން. އަދި ތަހުގީގުކުރާ ފަރާތްތަކުން ކުރީގެ ރައީސްގެ އޮފީހާ ގުޅިގެން އެ މަސައްކަތް ކުރެއްވުމަށް ވާނީ ދަންނަވާފައި،“ އިހުސާން ވިދާޅުވެފައިވެ އެވެ.
ގުޅުންހުރި
އިމްރާން ހާން 14 އަހަރަށް، އަނބިކަނބަލުން 7 އަހަރަށް ޖަލަށް
ވިލިމާލޭގައި މޫދަށް އެރިއުޅެނިކޮށް އޮޔާ ދަމައިގަތް ދިވެއްސަކު ސަލާމަތްކޮށްފި
މިސްކިތް ތެރޭގައި ކުޅިވަރު ކުޅުނު މައްސަލައެއް ބަލަނީ، ޝަހީމް ވިދާޅުވީ ފިޔަވަޅު
ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ސަރުކާރުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް
ބާރާއި ނުފޫޒުން ރައްޔިތުންނާއި ދައުލަތުގެ މުދަލުން ތަނަވަސްކަން ހޯދުމަކީ ހަރާމް ކަމެކެވެ.
ސައިފް ނުރައްކަލުން ސަލާމަތްވެއްޖެ، ހާލު ދަނީ ރަނގަޅުވަމުން