ޑިސެމްބަރ 3, 2024

ޕީޖީ ޝަމީމަށް ހަމަލާދިން މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުމޮށްފިއެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ނެރެފައިވާ ކަމަށެވެ.

ޝަމީމަށް އިއްޔެ ހެނދުނު ހަމަލާ ދިނީ ސައިކަލެއްގައި އައި، މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. އެ ހަމަލާގައި ޝަހީމުގެ ވާތް އަތުގައި ރެނދުލާފައިވާއިރު އޭޑީކޭގައި ފަރުވާ ދިނުމަށްފަހު އިއްޔެ ހަވީރު ވަނީ ގެއަށް ދޫކޮށްލައިފައެވެ. ނަމަވެސް ސިފައިން ވަނީ ޝަމީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.

މިއަދު ނޫސްވެރިންނާ ބައްދަަލުކުރައްވައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެ ދެ މީހުންގެ ވަނަވަރާއި ފޮޓޯ ވަރަށް އަވަހަށް އާންމުކުރާނެ ކަމަށެވެ.

އެ މީހުން ހަމަލާ ދިންއިރު، ތިބީ މޫނު ނިވާކޮށްގެން ކަމަށާއި މިއީ ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ކޯޓުގައި ކުރިން ހިނގަމުންދިޔަ މައްސަލައަކާ ގުޅިގެން ފުލުހުން ހެދި ތްރެޓު އެސެސްމެންޓެއްގައި ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ ކަމަށް ފެނުމުން ކުރިން އޭނާއަށް ސެކިއުރިޓީ ދިން ކަމަށެވެ. ނަމަވެސް އެ މައްސަލައަށްފަހު ޝަމީމަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.

“އެހެންވީމާ އެގޮތަށް ދިޔަ ދުވަސްވަރެއްގައި މި ހާދިސާ ހިނގާފައިވަނީ،” ޝުޖާއު ވިދާޅުވި އެވެ.

Leave a Reply