ޖިބޫޓީގެ އައްސޭރިފަށަށް ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި 15 ކުޑަކުދިން ހިމެނޭހެން މަދުވެގެން 139 ހިޖުރަވެރިން މަރުވެފައިވާ ކަމަށް އދ. ގެ މައިގްރޭޝަން އެޖެންސީން ބުނެފި އެވެ.
އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުނި ގޮތުގައި 305 މީހުންނާއެކު ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރަމުން ދިޔަ އެ ބޯޓު ބަންޑުން ޖަހާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮބޮކް ނަމަކަށް ކިޔާ ރަށެއް ކައިރިއަށް ކަމަށެވެ. އެ ހާދިސާގައި 82 މީހުން ސަލާމަތް ކުރެވުނު ކަމަށްވެސް އެ އެޖެންސީން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަލާމަތްވި އެންމެންނަކީވެސް އިތިއޯޕިއާގެ ރައްޔިތުންނެވެ. އެ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާގެ ކަންކަން ހަމަޖައްސާފައިވާއިރު, މަރުވި މީހުން ވަޅުލުމުގެ އިންތިޒާމުތައް ޖިބޫޓީގެ ކަމާބެހޭ ފަރާތްތަކުންދަނީ ކުރަމުންނެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ވަރުގަދަ ދާހިލީ ހަނގުރާމައެއްގެ ތެރޭގައި ޔަމަން އަދިވެސް އޮތްއިރު, ފަގީރުކަމާއި ރައްކާތެރިކަމެއް ނެތުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާ ހުރެ، ހޯން އޮފް އެފްރިކާގެ ސަރަހައްދުން ކޮންމެ އަހަރަކު ވެސް އެތައް ހާސް ހިޖުރަވެރިންނެއް ބާބުލް މަންދަބު ކަނޑުއޮޅި ހުރަސްކޮށް ޔަމަނަށް ދިއުމުގެ ނުރައްކާތެރި ދަތުރުކުރެ އެވެ.
އައިއޯއެމްގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު މި މަގުން ދަތުރުކުރަން މަސައްކަތްކުރި މީހުންގެ އަދަދު 18 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އަދި އެ ކަނޑުއޮޅިން ދަތުރުކުރި 900 އަށްވުރެ ގިނަ ހިޖުރަވެރިން ވަނީ މަރުވެ ނުވަތަ ގެއްލިފަ އެވެ. އެގޮތުން މި އަހަރުގެ މާޗު މަހުވެސް ބޯޓެއް ބަންޑުންޖަހާލި ހާދިސާއެއްގައި ނުވަ މީހުން މަރުވެ، 45 މީހުން ވަނީ ގެއްލިފަ އެވެ.


