ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުގެ ބޮޑުބައެއްގައި ހިންގަން ނިންމާފައިވާ ދުނިޔޭގެ ފެންވަރުގެ މެރީނާ މަޝްރޫއުއަކީ ޔަހޫދީން އާބާދުކުރަން ހިންގާ މަޝްރޫއެއް ކަމަށް ބުނުމަކީ ހަގީގަތް އޮޅުވާލަން ދައްކާ ބޮޑު ދޮގެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ގެ ނަމުގައި އެ މަޝްރޫއު ހިންގަން ދީފައިވަނީ އަބޫ ދާބީގެ މަޝްހޫރު ކުންފުނި, އީގަލް ހިލްސްއަށެވެ. އެ ކުންފުންޏަށް ވަނީ ރަސްމާލެއިން ދެ ހުޅުމާލެއަށްވުރެ ބޮޑު ބިމެއް ދީފަ އެވެ. އެ މަޝްރޫއު ހިންގަން ބިން ދިނުމުން, އެކަމުގެ މުގާބިލުގައި އެ ކުންފުނިން ވަނީ 5,000 ހައުސިން ޔުނިޓް އަޅައިދޭން އެއްބަސްވެފަ އެވެ.
ނަމަވެސް އެ މަޝްރޫއުއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި އީގަލް ހިލްސްއަށް ވަނީ އަމާޒުވެފަ އެވެ. އެކަމާ ދެކޮޅަށް އެންމެ ބޮޑަށް ވާހަކަފުޅުދައްކަވާ އެއް ބޭފުޅަކީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމެވެ.
އެ މަނިކުފާނު މިއަދުވެސް ވަނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ސައްތައިން ސައްތަ މުސްލިމު މުޖުތަމައުއެއްގައި ޔަހޫދީ އާބާދީއެއް ބިނާކުރުމަށް ކުރާ މަސައްކަތަކީ އީގަލް ހިލްސްގެ ދެފުށްދެގޮތް ސިޔާސަތާއި މުނާފިގުކަން ހާމަކޮށްދޭ ކަމެއް ކަމަށް ބުނެ, އެ މަޝްރޫއު ހުއްޓާލަން ގޮވާލައިފަ އެވެ.
ޔާމީންގެ އެ ވާހަކަތައް ދޮގުކުރައްވައި އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ސިޔާސީ މަންފާއަށްޓަކައި ދީނީ ޝުއޫރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ފަލަސްތީނާއެކު ސާބިތުކަމާއެކު ތިބޭ ތިބުމަކީ ބިރުވެރިކަމާއި ނަފުރަތާއި ދޮގު މައުލޫމާތު ފެތުރުމަށް ބޭނުންކުރާ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”މަނިކުފާނުގެ ވެރިކަމުގައި މި އިންވެސްޓްމަންޓް ހަގީގަތަކަށް ނުވުމަކީ މިއަދު އެކަން ގޯސްކޮށް ސިފަކުރުމަށް ލިބޭ ހައްގެއް ނޫނެވެ. ގައުމީ ތަރައްގީއަކީ ޒާތީ ސިޔާސީ ހަސަދަވެރިކަމެއްގެ ރަހީނަކަށް ވެގެން ނުވާނެ,“ ޔާމީނަށް ރައްދުދެއްވަމުން އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ, ސިޔާސަތުތަކަށް ކިތަންމެ ވަރަކަށް ފާޑުކީ ނަމަވެސް, ސިޔާސީ ގޮތުން މަގުބޫލުކަން ހޯދުމަށްޓަކައި ދީނީ ބައިބައިވުން އުފެއްދުމާއި ރައްޔިތުންނަށް މަގުއޮޅުވާލުން ހުއްޓާލަންޖެހޭ ކަމަށެވެ. އަދި ރާއްޖެ ހައްގުވަނީ ޒިންމާދާރު ލީޑާޝިޕަކަށް ކަމަށާއި ޒިންމާދާރުކަން ކުޑަ ބިރުވެރިކަން އުފެއްދުމަކަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.


