ވޯޓުލީ މީހުންގެ ތާއީދު ގެއްލިފައިވާ އަދި ބަނގުރޫޓުވެފައިވާ ވެރިކަމެއްގެ ނާޖާއިޒު ފައިދާ ނަގަމުންދިއުމަކީ އީގަލް ހިލްސްގެ މުނާފިގުކަން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.
ޔާމީނަކީ ސޯޝަލް މީޑިއާގައި އާންމުކޮށް އެއްޗެހި ލިޔުއްވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ޔާމީން އެހެން ވިދާޅުވެފައި މިވަނީ, މާލެ އަތޮޅު ފުށިދިއްގަރު ފަޅު ހިއްކައިގެން މި ސަރުކާރުން ފެށި ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލޭގެ ބޮޑުބައެއްގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓެއް ހަދަން އަބޫ ދާބީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއަށް ދިނުމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
”ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ސައްތައިން ސައްތަ މުސްލިމު މުޖުތަމައުއެއްގައި ޔަހޫދީ އާބާދީއެއް ބިނާކުރުމަށް ތިޔަ ކުރާ މަސައްކަތުން ހާމަވަނީ ތިބައިމީހުންގެ (އީގަލް ހިލްސްގެ) ދެފުށްދެގޮތް ސިޔާސަތާއި މުނާފިގުކަން. ތިޔަ މަޝްރޫއު ހުއްޓާލުމަކީ ތިޔަބައިމީހުންނަށް އޮތް އެންމެ ބުއްދިވެރި ގޮތް. މި މަޝްރޫއުއާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތް,“ ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު މީގެ ކުރިން ވަނީ ޔަހޫދީން ވަޒަންވެރިކުރުވުމަށް ރަސްމާލެ ދޫކޮށްލުމަކީ ނުރައްކަލަކަށް ގައުމު ވައްޓާލުން ކަމަށާއި އެ މުއާމަލާތް ހިންގުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މިނިސްޓަރު އަބްދުالله މުއްތަލިބް އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ބައިވެރިވެފައިވާތީ އެއީ ކުށްވެރިން ކަމަށް ވިދާޅުވެފަ އެވެ.


