ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވީ, އެ ގޮނޑިއަށް އިންތިހާބުވި އަލީ ޝުޖާއު މަގާމަށް އިންތިހާބުވި ޕާޓީން ވަކިވެ, އެހެން ޕާޓީއަކާ ގުޅިފައިވާތީ އޭނާ އެ މަގާމުން ވަކިވެފައިވާ ކަމަށް 30 ޖޫން 2026 ގައި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅުމުންނެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ, ވ. ތިނަދޫ ކައުންސިލްގެ ރައީސު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ޝުޖާއު ހޮވުނީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. ނަމަވެސް ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން, މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.
ނަމަވެސް ޝުޖާއު މީގެ ކުރިން ވިދާޅުވީ, އޭނާ އެމްޑީޕީއާ ގުޅުނީ ދަ ޑިމޮކްރެޓްސް އުވާލާފައިވާ ކަމަށް އީސީން އެންގުމާއި ގުޅިގެން ކަމަށާއި އޭނާ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާތީ, އެއީ ގާނޫނީ ގޮތުން މަގާމު ގެއްލޭނެ ފަދަ ޕާޓީ ބަދަލުކުރުމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން, ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮސްގެން ކައުންސިލް އިންތިހާބުވުމަށްފަހު, އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ އެވެ.


