ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ އިންޓަނޭޝަނަލް އެއާޕޯޓަށް އިއްޔެ ދިން އިތުރު ހަމަލާއެއްގައި އެކަކު މަރުވެ، 11 މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
ސައޫދީ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުވި މިސައިލެއް ނުވަތަ ރޮކެޓެއް ފަދަ ހަތިޔާރެއްގެ ސަބަބުން، ޕަސެންޖަރުންގެ ހޯލެއްގައި އަލިފާން ރޯވި ކަމަށެވެ. ސައޫދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ހަމަލާގައި މަރުވެފައިވަނީ އެ ގައުމުގައި ދިރިއުޅެމުންދިޔަ ޕާކިސްތާނުގެ ރައްޔިތެއް ކަމަށެވެ.
މި ހަމަލާ ދީފައިވަނީ، ހަމަ އެ އެއާޕޯޓަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، 308 މީހުން ޒަހަމްވިތާ އެއް ދުވަސް ފަހުންނެވެ. އަދި މި ހަފުތާގެ ކުރީކޮޅުވެސް މިފަދަ އެހެން ހަމަލާތަކެއް ވަނީ ދީފަ އެވެ.
މި ހަމަލާތަކުގެ ޒިންމާ ޔަމަނުގެ ހޫތީ ޖަމާއަތުން ނަގާފައިވާއިރު, އެ ޖަމާއަތުން ވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެއާޕޯޓަށް އަމާޒުކޮށްފައިވަނީ ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލްގެ އިތުރުން ޑްރޯން ހަމަލާތަކެއް ކަމަށް ބުނެފަ އެވެ. އަދި ސައޫދީގެ އެއާޕޯޓްތަކާއި ވައިގެ ސަރަހައްދު ބޭނުންނުކުރުމަށް އެއާލައިންތަކަށާއި ދަތުރުވެރިންނަށް އެ ޖަމާއަތުން ވަނީ އިންޒާރު ދީފަ އެވެ.
ހޫތީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހުޔާ ސަރީއު ވަނީ މައްކާއާއި މަދީނާ ފިޔަވައި ސައޫދީގެ ހުރިހާ އެއާޕޯޓަކީވެސް ހަމަލާ އަމާޒުވެދާނެ ތަންތަން ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. އަދި ސައޫދީގެ އެތެރޭގެ ސަރަހައްދުތަކަށް ދޭ ވަރުގަދަ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


