އޮކްޓޯބަރ 14, 2024

ޖަނަވަރީ މަހު މީރާއިން 3.60 ބިލިއަން ރުފިޔާ ބަލައިގަނެފި

ޖަނަވަރީ 2024 ގައި މީރާއަށް 3.60 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިންމައުލޫމާތު ދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %5.7 އިތުރު އަދަދެކެވެ. އަދި، ޖަނަވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.2 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖަނަވަރީ 2023 ގައި ލިބުނު އާމްދަނީ އަޅައިބަލާއިރު ޖަނަވަރީ 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައިލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

އަދި މީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫންފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީ ގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާއި އަޅައިބަލާއިރު %18.9 އިތުރުވެފައިވުމެވެ.

މީގެ އިތުރުން، ސުންގަޑިއަށް ފައިސާދައްކާފައިވާ މިންވަރު އިތުރުވުމާއި ގުޅިގެން ޖަނަވަރީ 2024 ގައި އިންކަމް ޓެކުހުގެގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވެއެވެ. އަދި މީގެ އިތުރުން ކޮމާރޝަލް ބޭންކުތަކުން ވަނީ މި މަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއްދައްކާފައެވެ. ހަމަ އެހެންމެ ޖަނަވަރީ 2023 ގެ އާމްދަނީއަށް ބިނާކޮށް ޖީ.ޖީ.އެސް.ޓީގެ އައުރޭޓަށް ފައިސާ ބަލައިގަންނަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުކަމަށްވާއިރު، މި އަހަރުގެ ޖަނަވަރީ މަހު އައު ރޭޓުގައި ޖީ.ޖީ.އެސް.ޓީ ބަލައިގަނެފައިވާތީވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ބަލައިގަތް އާމްދަނީ ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުގައި ކަމަށްވާތީ އެއަހަރުގެ ޖަނަވަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވެއެވެ. ނަމަވެސް ޖަނަވަރީ 2024 ގައި މި އާމްދަނީ ބަލައިގަނެފައިވާތީ މިދިޔަ އަހަރާއި އަޅައިބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

ޖަނަވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ބަލައިގަތް އާމްދަނީއިތުރުވެފައިވަނީ، ކޯޕަރޭޓް އިންކަމް ޓެކްސް، ބޭންކް ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓްރިމް ޕޭމެންޓް، ކުންފުނިތަކާއި އަމިއްލަފަރުދުން ނޫން ފަރާތްތަކުން އަދި ކޮމާރޝަލް ބޭންކުތަކުން ރިޕޯޓްކޮށްފައިވާ އަދަދު، ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދާއި އަޅައިބަލާއިރު އިތުރުވުމުންނާއި ސުންގަޑިއަށް ފައިސާ ދައްކާފައިވާ ރޭޓު އިތުރުވެފައިވާތީ، އިންކަމް ޓެކުހުގެ ޖުމުލަ އާމްދަނީ ވަނީ އިތުރުވެފައެވެ.

ޖަނަވަރީ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީއިންކަމް ޓެކުހުންނެވެ. އެއީ 46.62% ނުވަތަ 1.68 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 39.29% ނުވަތަ 1.41 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގެ ގޮތުގައި 99.56މިލިއަން ރުފިޔާ (2.77%)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގޮތުގައި 94.62 މިލިއަން ރުފިޔާ (2.63%)، ޑިޕާރޗަރ ޓެކުހުގެގެ ގޮތުގައި 92.23މިލިއަން ރުފިޔާ (2.57%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.38މިލިއަން ރުފިޔާ (%6.13) ލިބިފައިވެއެވެ.

ޖަނަވަރީ 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 16.14 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.