އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުދޫ-މީދޫ ގުޅުވައިދޭ ބްރިޖު މަޝްރޫއުގެ ޕްރިލިމިނަރީ ޑިޒައިން އަދި ސާވޭ މަސައްކަތް މިސްރުގެ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކުނުގެ އަތޮޅުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ-މީދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް މުއިއްޒެވެ.
އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. މަސައްކަތް ހަވާލުކުރި ދަ އަރަބް ކޮންޓްރެކްޓާސް (އޭސީ) ގެ ފަރާތުން ސޮއި ކުރެއްވީ ބޯޑު މެމްބަރު އިންޖިނިއާ ހިބާ އަހުމަދު އަބޮއެލަލަ އެވެ.
އޭސީ އަކީ މެދު އިރުމައްޗާއި އެފްރިކާގެ އެންމެ ލީޑިން ކޮންސްޓްރަކްޝަން ކުންފުންޏެވެ. އެ ކުންފުނީގެ ކަސްޓަމަރުންނާއި ޕާޓްނަރުންނާއި ސަޕްލަޔަރުން ދުނިޔޭގެ 29 އަށްވުރެ ގިނަ ގައުމުގައި ހަރަކާތްތެރިވި އެވެ.



