ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.
ފައިސަލް އެމްޑީޕީއަށް ސޮއި ކުރެއްވީ ދެންމެ އެމްޑީޕީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފައިސަލް ސޮއިކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ ހާޒިރުގަ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެދުނީއްސުރެ އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު ފައިސަލް އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21 ގައެވެ. ފައިސަލް ޖޭޕީން ވަކިވެވަޑައިގަތީ 16 އަހަރަށްފަހު އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުން ފެށިގެން ފައިސަލް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީއާ އެކުގަ އެވެ. ރިޔާސީ އިންތިހާބުގައިވެސް އަދި މާލެ ސިޓީ ކައުންސިލުގެ އިންތިހާބުގެ ކެމްޕެއިނުގައިވެސް އެމްޑީޕީ އާއެކު އޭނާ މަސައްކަތް ކުރެއްވި އެވެ.
ފައިސަލް އެމްޑީޕީއަށް މިއަދު ސޮއިކުރެއްވި އިރު، އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީވެސް އެމްޑީޕީ އިންނެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު، 2005 ގަ އެވެ.
ފައިސަލް ޖޭޕީއާ ގުޅިވަޑައިގަތީ 2008ގެ ފަހުކޮޅު އެވެ. އެ ފަހުން ޖޭޕީގެ މެންބަރެއްގެ ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރަކަށް ފައިސަލް ހޮވިވަޑައިގަތެވެ.
އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި އިރު، އެ މަނިކުފާނުގެ ރަނިންމޭޓަކަށް ވުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓު ކާމިޔާބު ކުރެއްވީ ފައިސަލް އެވެ.
ފައިސަލްއަކީ އާ ގާނޫނުއަސާސީގެ ދަށުން ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ އަދި ހަމައެކަނި ނައިބު ރައީސް އެވެ.




ގުޅުންހުރި
ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ހުޅުމާލޭގައި ބާއްވަނީ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ