ސަރުކާރު އޮފީސްތަކުން އާ މަގާމުތައް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން ކުރުމަށް ހުއްދަ ނަގަންޖެހޭ ގޮތަށް ހަދައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވައި އިއްޔެ ސަރުކާރު އޮފީސްތަކަށް ފޮނުއްވި މާލިއްޔަތާ ބެހޭ ސާކިއުލާގައި ބުނެފައިވަނީ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓު ތަންފީޒުކުރުމަށާއި ހަރަދުތައް ކުރެވޭ ގޮތް ރަނގަޅު ކުރުމަށް މިއަދުން ފެށިގެން ފިޔަވަޅުތަކެއް އަޅަން އަންގާ ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދާއި ދަތުރު ހަރަދު އަދި އޮފީސް ހިންގުމާއި ތަމްރީނު ކުރުމަށް ކުރާ ހަރަދު ކުޑަކުރުމަށް އަންގާފައިވެ އެވެ.
މުވައްޒަފުންގެ ހަރަދު ކުޑަކުރުމަށް އަޅަން އަންގާފައިވާ ފިޔަވަޅުތައް:
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި ދައުލަތުގެ ބަޖެޓުން ހަރަދުކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުން
- ޕޭ ކޮމިޝަނުން ދިރާސާކުރުމަށްފަހު, ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް, މިހާރު ދޭން ފަށާފައިނުވާ އާ އެއްވެސް އެލަވަންސެއް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އަހަރުތެރޭ ދޭން ނުފެށުން
- ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ, މުވައްޒަފުންގެ ޕްރޮމޯޝަން ފަދަ މަގާމުގެ ރޭންކަށް އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލު އަންނާނެ ކަމެއް ނުކުރުން
- ރަސްމީގަޑީގައި އޮފީހުގެ މަސައްކަތްތައް ނިންމޭނެ ގޮތަކަށް މަސައްކަތް އިތުރު ގަޑީގައި ކުރާ މަސައްކަތް މަދުކުރުން
އެ ފިޔަވަޅުތަކުގެ އިތުރުން ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތައް ކުރުމުގެ ކުރިން ހުއްދަ ހޯދުމަށާއި ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ސްކޮލަޝިޕް ސްކީމްތަކުގެ ބޭރުން އެއްވެސް އިތުރު އާ ސްކޮލަޝިޕެއް ނުދިނުމަށާއި ރާއްޖޭން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އަދި ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި ކޮންމެހެން ކުރަންޖެހޭ ކެޕިޓަލް ހަރަދެއް ނޫނީ ނުކުރުމަށްވެސް ސާކިއުލާގައި އަންގާފައިވެއެވެ.
އެ ސާކިއުލާއަށް އިއްޔެ އިން ފެށިގެން އަމަލުކުރަން އަންގާފައިވާއިރު، ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ފައިސާއިން ހަރަދު ކުރުމުގައި ސާކިއުލާގައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަން ކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ސާކިއުލާގައި އެދިފައިވެ އެވެ.




ގުޅުންހުރި
ޝަރުއީ ދާއިރާއަށް ކުރިމަތިވަމުން އައި ހުރަސްތައް ހިރާސްތަކަކަށް ބަދަލުވެއްޖެ: އުއްތަމަ ފަނޑިޔާރު
ގްރީނަށް ޖޫރިމަނާއަކާއެކު ފިޔަވަޅު އަޅައިފި، ވެލެންސިއާއިން ނިންމުން ބަލައެއް ނުގަތް
މަރުވި ދެ ގައިދީންގެ ޕޯސްޓްމޯޓަމް ހަދަނީ
ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށް، ޓެރަރިސްޓް ލިސްޓުން އެޗްޓީއެސްގެ ނަން އުނިކޮށްފި
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ބޭބީބަޔޯ ފޯމިއުލާގައި ވިހަ މާއްދާއެއް، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަަނާކޮށްފި