ނޮވެމްބަރ 22, 2024

ދިވެހި ސަރުކާރަށް 2.2 މިލިއަން ޑޮލަރު ދައްކަން ވެންޓިލޭޓަރު ކުންފުންޏަށް އަންގައިފި

ކޮވިޑް ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ނުލިބުނު މައްސަލައިގައި 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން އަންގައިފި އެވެ.

ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 2 އޭޕްރިލް 2020ގަ އެވެ. އެ ވެންޓިލޭޓަރުތަކަށް ސަރުކާރުން 30 މިލިއަން ރުފިޔާ ދެއްކި ނަމަވެސް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އެހެންވެ އެއްބަސްވުމާ ހިލާފުވެފައިވާތީ މިދިޔަ ސަރުކާރުން އެ މައްސަލަ 19 ފެބްރުއަރީ 2023ގައި އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި އެވެ.

އެ މައްސަލައިގައި ދިވެހި ދައުލަތުން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ގެނެސް ދީފައިނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32.5 މިލިއަން ރުފިޔާ (2.1 މިލިއަން އެމެރިކާ ޑޮލަރު) އާއި އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށެވެ.

އެ މައްސަލައިގެ މިދިޔަ ބުދަ ދުވަހު އާބިޓްރޭޝަންގެ ފައިނަލް ރޫލިން ނުވަތަ ހުކުމް ވަނީ ނެރެފަ އެވެ. އެ ހުކުމުގައިވަނީ:

– ނުލިބުނު ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.9 މިލިއަން އެމެރިކާ ޑޮލަރު އަދި 2 މެއި 2021 އިން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން

– ގެއްލުމުގެ ބަދަލުގެ ގޮތުގައި 223،750 އެމެރިކާ ޑޮލަރު އަދި އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން

އޭޖީ އޮފީހުން ބުނީ، އެ މައްސަލަ އާބިޓްރޭޝަންގައި ކުރިއަށްދިޔަ އިރު، އެގްޒިކިއުޓާސްގެ ފަރާތުން އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަންޖެހޭ ފައިސާވެސް ދައްކާފައިނުވާތީ، އެ ހުރިހާ ފައިސާއެއްވެސް ދެއްކީ ދިވެހި ސަރުކާރުން ކަމަށެވެ.

އެހެންވެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި ދައްކަން ޖެހުނު 132،865.56 ޑޮލަރު ހޯދުމަށް ސަރުކާރުން އެދުމުން، އެ ފައިސާ އާއި އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަން އެގްޒިކިއުޓާސްއަށް އާބިޓްރޭޝަނުން އެންގި އެވެ.

އޭޖީ އޮފީހުން ބުނީ، އެ ހުކުމަކީ ގާނޫނީ ގޮތުން ތަންފީޒުކުރަންޖެހޭނެ ހުކުމަކަށްވާތީ، އެ ހުކުމުގައި ކަނޑައަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.