އޮކްޓޯބަރ 5, 2024

ބޮން އޮއްސާއިރު ވެސް ޣައްޒާގެ ރައްޔިތުން އެ ބިމުން ނުފައިބާ ތިބުމަކީ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް!

ޣައްޒާއަށް ބޮން އަޅަމުންދާއިރުވެސް އެ ބިމުގެ ރައްޔިތުން އެ ބިމުން ނުފައިބާ އެ ތިބީ އެ މީހުންގެ ބިމާއި ވަތަންދެކެ ހުރި ކުލުނެއްގެ ބޮޑުކަމުން ކަމަށާއި އެއީ މިއަދު ފެންނަމުންދާ ވަތަންދެކެ ލޯބިވުމުގެ ނަމޫނާ މިސާލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ވަތަންދެކެ ލޯބިވުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ވަތަން ދެކެ ލޯބިވުމަކީ އިންސާނީ ނަސްލުގެ އަބީއަތުގައިވާ ކަމެއް ކަމަށާއި އިސްލާމް ދީނަކީ އިންސާނާ ފިތުރަތާއި އިންސާނިއްޔަތުގެ ދީން ކަމުގައިވާތީ، އެ ދީން އެކަމާ ދެކޮޅު ނަހަދާ ކަމަށާއި އެކަން ގަބޫލުކުރާ ކަމަށެވެ. އަދި ކީރިތި ރަސޫލާ އަމަލީ ގޮތުން ވަތަން ދެކެ ލޯބިފުޅުވާ ކަމާއި ވަތަން ދެކެ ލޯބިވާން ޖެހޭނެކަން ދައްކަވައި ދެއްވާފައިވާ ކަމަށް ބުންޏެވެ.

މާތް ﷲ ރަހުމަތްލެއްވި އިމާމުއް ޒަހަބީ، ރަސޫލާ ލޯބިފުޅުވާ ބައެއް ކަންތައްތައް ފާހަގަކުރެއްވި އެވެ. އެއީ އާއިޝަތުގެފާނު ދެކެ ލޯބިފުޅުވުމާއި އެކަމަނާގެ ބައްޕާފުޅު އަބޫބަކުރުގެފާނުދެކެ ލޯބިފުޅުވުމާއި އުސާމަތު ބިން ޒައިދުގެފާނުގެދެކެ ލޯބިފުޅުވުމާއި މާމުއިފަދަ ފޮނިކާތަކެއްޗަށް ލޯބިކުރެއްވުމާއި އުހުދު ފަރުބަދަ ދެކެ ލޯބިފުޅުވުމާއި އެކަލޭގެފާނުގެ ވަތަންދެކެ ލޯބިފުޅުވުމެވެ.

ހުތުބާގައި ބުނީ މީހެއްގެ ދީނާޢި އަގީދާއަށްފަހު، އޭނާގެ ގާތުގައި އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ ވަތަން ކަމަށާއި ވަތަންދެކެ ފަހުރުވެރިނުވާ އިންސާނަކު ނުވާ ކަމަށެވެ. އަދި ވަތަންދެކެ ލޯބިވުމަކީ އިންސާނާގެ ހިތުގައި ބިންވަޅުނެގިފައިވާ އަރީޒާއެއް ކަމަށްވެސް ބުންޏެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ ހިއްސާރުކޮށްގެން ރޭގަނޑާއި ދުވާލު އެ ބިމަށް އޮއްސަމުންދާ ބޮންތަކާއި ދެމުންގެންދާ ހަމަލާތަކަށް އިޝާރާތް ކުރައްވައި ހުތުބާގައި ބުނީ، ޣައްޒާގެ ހުރިހާ ބިނާރުތަކާއި ހޮސްޕިޓަލްތަކާއި މިސްކިތްތަކާއި ބޯހިޔާވަހިތަކެއް ތަޅައި ސުންނާފަތި ކުރަމުން ދަނީ ޣާއްޒާގެ ރައްޔިތުން އެ މީހުންގެ ވަތަނުން ބޭރުކޮށްލެވޭތޯ ކަމަށެވެ.

އަދި ފެނާއި ކާބޯތަކެއްޗާއި ގޭހާއި ކަރަންޓާއި އަސާސީ ބޭނުންތަކުން މަހުރޫމު ކުރަމުންދަނީވެސް ހަމަ އެ ބޭނުމުގައި ކަމަށް ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ވަތަނަށްޓަކައި ކޮންމެ މީހަކު އަދާކޮށްދޭންޖެހޭ ވާޖިބުތަކުގެ ތެރޭގައި ގައުމު ބިނާ ކުރުމުގައި ބައިވެރިވެ، ކޮންމެ މީހަކުވެސް އެ މީހެއްގެ ހިއްސާ އަދާކުރުންވާ ކަމަށެވެ. ގައުމު ބިނާކުރުމުގައި ބައިވެރިވުމަކީ ﷲ އިންސާނާއާ ހަވާލުކުރައްވާފައިވާ ދުނިޔެ އާރާސްތުކުރުމުގެ މަސައްކަތުގައި ބައިވެރިވުން ކަމަށްވެސް ބުންޏެވެ.