އޮކްޓޯބަރ 6, 2024

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 425 މިލިއަން ރުފިޔާގެ ޑުރަގް ނައްތާލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ނައްތާނުލައި ހުރި 425 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ޑުރަގް މިއަދު ނައްތާލައިފި އެވެ.

ދޫނިދޫގައި މިއަދު ބޭއްވި ޑުރަގް ނައްތާލުމުގެ ހަރަކާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ފަރުހާދު ފިކުރީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުލުހުން މިއަދު ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސެވެ. އޭގެތެރޭގައި ހިމެނެނީ ޑުރަގު ހުރި 8293 ރަބަރު ޕެކެޓާއި 2731 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 237 ދަޅާއި 585 ބުލެޓު އަދި 30 ބިޑީގެ އިތުރުން 537 މަނާ ބޭސްގުޅައިގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމެއް ކަމަށް ފުލުހުން ބުންޏެވެ.

އެއީ 103 ކިލޯގެ ޑުރަގެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ ފުލުހުން ބުނި ގޮތުގައި 425.6 މިލިއަން ރުފިޔާ އެވެ.

މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ޑުރަގުގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީ ގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ ޑުރަގް ވީއެންމެ އަވަހަކަށް ނައްތާލަންޖެހެ އެވެ.