އޮކްޓޯބަރ 6, 2024

އަދުރޭގެ ނުސީދާ ރައްދެއް ޔާމީނަށް: ތިއީ ގައުމުގެ ދުޝްމަނެއް، ރައްޔިތުންގެ ހާއިނެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ގައުމުގެ ދުޝްމަނެއް ކަމަށާއި އެއީ ރައްޔިތުންގެ ހާއިނެއް ކަމަށް ދޭހަވާ މޭރުމަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވާހަކަދައްކަވައިފި އެވެ.

ރައީސް މުއިއްޒު، މ. މުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ޔާމީންގެ ނަންފުޅު ވިދާޅުނުވެ، އެ މަނިކުފާނަށް ފާޑުވިދާޅުވެ، ޔާމީން މިފަހުން ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވައިފި އެވެ.

އެގޮތުން ޔާމީންގެ އާ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ޖަގަހަ ޖަލްސާތަކުގެ އޯޑިއަންސްގައި އެ މަނިކުފާނު އިންނަވައިގެން ސުވާލު ކުރައްވާތީ އެކަމަށް އިޝާރާތް ކުރައްވައި، ނަމަވެސް ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ އަބްދުއްރަހީމް ވިދާޅުވީ މިއަދު އޮތް ސަރުކާރުން ރައްޔިތުންނަށް ވެރިކަން ކުރަން ފެށުމުން ފިތުނަ ފަސާދަ އުފައްދަން އުޅުމަކީ ގައުމަށް ދެވޭ އަނިޔާއެއް ކަމަށެވެ.

”ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ރޭގަނޑާއި ދުވާލު ޕޯޑިއަމްތައް ބަހައްޓައިގެން އޯޑިއަންސްގައި ތިބެގެން ސުވާލު ކުރައްވަމުން ގެންދަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިޔަ ބޭފުޅުންނަށްވެސް މި ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ރައްޔިތުން ދެއްވިއޭ. އެ ފުރުސަތުގައި ތިޔަ ވިދާޅުވާ ކަންތައްތައް އެ މަގުން ނުކުރައްވައި މިއަދު ސުލްހަވެރިކަމާއި އަމާންކަމާއެކީގައި ރައްޔިތުންނަށް ލާބައާއި މަންފާ ހުރި މަގުން ވެރިކަން ކުރައްވަން ފެއްޓެވީމާ ދެން ފިތުނަ ފަސާދަ އުފައްދަން ތިޔަ ކުރައްވާ މަސައްކަތް ގައުމަށް ދެވޭ އަނިޔާއަކަށޭ“ އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ދެން ރައްދު ދެއްވީ ރައީސް މުއިއްޒު މިފަހުން ފެއްޓެވި އެއާ އެމްބިއުލާންސްގެ ހިދުމަތާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅަށެވެ. ޕީއެންއެފްގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން މީގެ ދެ ދުވަސް ކުރިން ވަނީ އެއާޕޯޓް ނުހުންނަ ރަށްރަށުގެ ބަލި މީހުން އުފުލައިގެން ގެންދަނީ ކޯއްޗެއްގައިތޯ ސުވާލުކޮށްފަ އެވެ.

ޔާމީންގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއާ އެމްބިއުލާންސްގެ ހިދުމަތް ރައީސް މުއިއްޒު ފެއްޓެވީ ވަރަށް ދުރަށް ވިސްނައިވަޑައިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށެވެ. އެހެންކަމުން އެކަމަށް ފާޑުވިދާޅުވާ ނަމަ، އެ ފާޑުވިދާޅުވެވެނީ ދިވެހިންނަށް ކަމަށް ވިދާޅުވި އެވެ.

”އެއާ އެމްބިއުލާންސް ތައާރަފު ކުރީމާ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އެއާޕޯޓް ނެތް ރަށްރަށުން މީހުން ބަލިވީމަ ކިހިނެތް ހެއްޔޭ ހަދާނީ. އެ ބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވައޭ އެއާ އެކީގައި ސީ އެމްބިއުލާންސް ހުރިކަމެއް. އަދި މިކަން ކުރަން އޮތީ ކިހިނެތް ކަމެއްވެސް އެނގިވަޑައިނުގަންނަވާ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ދުރަށް ވިސްނައި ވަޑައިގެންފައި އެއާ އެމްބިއުލާންސް ތައާރަފު ކުރެއްވީ. ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި. އެހެންވީމަ އެއަށް ފާޑުވިދާޅުވާ ކަމަށްވަންޔާ އެ ފާޑުވިދާޅުވެވެނީ ދިވެހި ރައްޔިތުންނަށް. އެއަށް ޖެއްސުން ކުރާ ކަމަށްވަންޔާ އެ ޖެއްސުން ކުރެވެނީ ދިވެހި ރައްޔިތުންނަށް. އެކަމާ ދޭތެރޭގައި ފުންކޮށް ވިސްނައިވަޑައިގަންނަވަންވީ، ދިވެހިންގެ ވެރިކަން ދިވެހިންނަށް ކޮށްދޭން ނުކުތީމައި، އެކަން ކުރަން ފެށީމައި އެއާ ދެކޮޅަށް ވަކާލާތުކުރަން، އެއާ ދެކޮޅަށް ޖަދަލުކުރަން، އެއަށް ފާޑުކިޔަން ނުކުންނަ މީހާ ވާނީ ގައުމުގެ ދުޝްމިނަކަށް، ރައްޔިތުންގެ ހާއިނަކަށް،“ ޔާމީންގެ ނަންފުޅު ނުގެންނަވައި އަބްދުއްރަހީމް ވިދާޅުވި އެވެ.