ރަމަޟާން މަހަށް މަރުހަބާ ކިޔަންވީ ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗަށް އިސްކަންދީގެން ނޫން ކަމަށާއި ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަގުވާކަން މާތް ﷲ ވަހީކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ރަމަޟާންމަހަށް އިސްތިގުބާލުކުރުން“ މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ރަމަޟާން މަހަކީ ކިޔަމަންތެރިވުމުގެ މޫސުން ކަމުންނާއި އެއީ ހެޔޮކަންތައް ކުރުމުގައި ވާދަކުރަންޖެހޭ ވަގުތު ކަމުންނާއި އެއީ ﷲގެ ނަފަހާތުތަކާއި ބަރަކާތްތައް އެކަލާނގެ މުއުމިނު އަޅުންގެ މައްޗަށް އޮއްސަވާ މައްސަރެއްކަމުން މުސްލިމުން ރަމަޟާން މަހާ އިސްތިގުބާލުކުރަން ޖެހޭނީ އުފަލާއި ހިނިތުންވުމާއެކުގައި ކަމަށެވެ.
ނަމަވެސް އެއީ ވަރަށް އަވަހަށް ވަކިވެގެން ހިނގައިދާނެ މަދު ދުވަސްކޮޅެއް ކަމުން އެ މަހުގައި ރޯދަހިފުމަށް ބުރަކަމަކަށް ނުހެދުމަށާއި ރޯދަމަހުގެ ހުރުމަތް ނުކެނޑުމަށާއި ރޯދަހިފުމުން ލިބޭ ސަވާބުގެ މަތިން ހަނދުމަކޮށް ރޯދަ ހިފުމަށް ހުތުބާގައި ގޮވާލި އެވެ.
އަދި ރޯދައަށް ފަރުވާކުޑަ ކުރާ މީހާއަށް އެކަމުގެ ދެރައާ ވަރަށް އަވަހަށް ކުރިމަތިލާން ޖެހިދާނެ ކަމަށާއި އެ ދުވަހުން އޭނާއަށް އެހީވާނެ އެއްވެސް ފަރާތެއް ނުލިބޭނެ ކަމަށްވެސް ބުންޏެވެ.
އިރު އޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނީ، ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަވީއްލުމާއި ހާރުކެއުން ހިމެނޭ ކަމަށެވެ. ނަމަވެސް ބައެއް މީހުން ރަނގަޅު ކަމެއް ކަމަށް ހީކޮށް ހާރުނުކައި ރޯދައަށް ތިބޭ ކަމަށާއި ދީނީ ގޮތުން ބަލާއިރު އެއީ ކީރިތި ރަސޫލާގެ ސުންނަތާ ހިލާފު ކަމެއް ކަމަށް ބުންޏެވެ. އަދި ބުނީ، ހާރުކެއުން ފަސްކުރުމަކީ ސުންނަތެއް ކަމަށެވެ.
ހުތުބާގައި ބުނީ، ރަމަޟާންމަހަކީ އެކަލާނގެ ބަރަކާތުން ފުރިގެންވާ މަހެއް ކަމަށާއި އެ މަހުގެ ފުރަތަމަރޭ އެކަލާނގެ، އަޅުންނަށް ބައްލަވައި ވޮޑިގަންނަވާނެ ކަމަށެވެ. އަދި އެކަލާނގެ ބައްލަވައިވޮޑިގެންނެވި އަޅަކު ދުވަހަކުވެސް ނަރަކައަށް ނުވައްދަވާނެ ކަމަށް ބުންޏެވެ.
ރޯދަވެރިޔާ އަރާރުންވުމާއި ދޮގުހެދުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ، އެފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ބާތިލުނުވި ނަމަވެސް އޭނާ ރޯދައަށް ހުރުމުން ލިބެންޖެހޭ ފުރިހަމަ ދަރުމައާއި ސަވާބެއް ނުލިބޭނެ ކަމަށެވެ.
ހުތުބާގައި ވަނީ ރަަމަޟާން މަހަކީ އަޅުކަމުގެ އަދި އަރަހުށި މާތް ﷲ އަށް ކުއްތަންވުމުގެ މައްސަރުކަމުން ރަމަޟާންމަހުގައި ކީރިތި ކިޔެވުމަށް ސަމާލުކަން ދިނުމަށް ގޮވާލައިފަ އެވެ. އަދި ރޯދަހިފައި ކީރިތި ޤުރުއާން ކިޔަވައި މީހާއަށް ގިޔާމަތް ދުވަހު ރޯދައާއި ކީރިތި ޤުރުއާން މާތް ﷲ ގެ ހަޟްރަތުގައި ޝަފާއަތްތެރިވާނެ ކަމަށް ވާރިދުވެގެންވާ ކަމަށް ބުންޏެވެ.
ގުޅުންހުރި
ޕީއެންސީ އިންތިހާބު: ދެ ކެންޑިޑޭޓެއްގެ މެދުގައި ހަމަނުޖެހިން ހިންގައި ވޯޓު ފޮށި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު ހާމަކުރައްވައި
އީސީގައި ފުއާދުގެ ދައުރު މިއަދަށް ހަމަވެއްޖެ، ދެން ފެންނާނީ ހާރިޖީ ދާއިރާއިން:
އައިކޮމްއިން، މިނިސްޓްރީ ޖޫރިމަނާކުރުމުން އިންފޮމޭޝަން އޮފިސަރު މަގާމުން ދުރުކޮށްފި
ކުޑަކުއްޖަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކުރި ވާހަކައަކީ ދޮގެއް، އޭނާ
މާރާމާރީއެއް ހުއްޓުވަން އުޅުނު ފުލުހަކަށް ތޫނު އެއްްޗަކުން ހަމަލާ ދޭން އުޅެފި