ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ގަނެފައިވާ އަސްކަރީ ޑްރޯންތަކުގެ ހުރިހާ ތަފުސީލެއް ހާމަނުކުރަނީ އެއީ ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތަކަކަށްވާތީ ކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
ތުރުކީ އިން އަސްކަރީ ޑްރޯންތަކެއް ގަނެގެން ރާއްޖެ ގެނެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބޭނުންކުރަމުން އަންނައިރު ތުރުކީން ގަތީ ކިތައް ޑްރޯންކަމެއް އަދި އޭގެ އަގުތަކެއް ހާމައެއް ނުކުރެ އެވެ. ރައީސް ވިދާޅުވި ގޮތުގައި ބައެއް ޑްރޯންތައް ލިބުނީ ހިލެ އެވެ.
އެކަމާ ގުޅޭ ގޮތުން ”މިހާރު“ އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، އެއްވެސް ގައުމެއްގައި ހުންނަ އަސްކަރީ އާލާތްތަކުގެ އަދަދާއި އޭގެ ތަފުސީލަކީ އެއްކޮށް ހާމަކުރާ ފަދަ މައުލޫމާތެއް ނޫން ކަމަށެވެ.
”އަޅުގަނޑަށް އެމްއެންޑީއެފުން، ޗީފް އޮފް ޑިފެންސް އަދި މިނިސްޓަރު ވެސް އަދި ދެން ތިބި ޖެނެރަލުންވެސް ހުރިހާ ބޭފުޅުންވެސް ދެއްވި ލަފަޔަކީ އަޅުގަނޑުމެން ޑްރޯންތަކުގެ އަދަދުވެސް ރަސްމީކޮށް އެއްވެސް ފަރާތަކަށް އެނގިގެން ނުވާނޭ. އެއްވެސް ގައުމެއްގައި ހުންނަ މިލިޓަރީ އާލާތްތަކުގެ އަދަދާއި އޭގެ ތަފުސީލު އެއްކޮށް އެނގުނަކަ ނުދޭނެ. އެއީ ގައުމީ ސަލާމަތަށްޓަކައި. ދެން އެހެންވީމާ ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްވީމަ އެ ތަފުސީލުތައް ހާމަނުކުރަނީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ބައެއް ޑްރޯންތައް ހިލޭ ލިބުނު ކަމަށް ހާމަކުރެއްވީ ޑްރޯންތަކުގެ އަގުބޮޑު ވާހަކަ ދައްކާތީ އާއި ތުރުކީގެ ރައީސާއި އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެއްބާރުލުން ހާމަކުރުމުގެ ގޮތުން ކަމަށެވެ.
”އަޅުގަނޑު ގަސްދު ކުރަނީ އެ ވަރަށް އެކަން ދަންނަވަން. އެއީ އެއްގޮތަކަށް ވެސް ކަންކަން ހާމަ ނުކުރުމެއް ނޫން. އަޅުގަނޑަކީ ގައިމު ވެސް އެއްވެސް ކަމެއް ފޮރުވަން ގަސްދު ކުރާ މީހެއް ނޫން، ނުފޮރުވާނަން. އެކަމަކު ގައުމުގެ މިނިވަން ކަމަކީ އެންމެންނަށް ވެސް މުހިންމު ކަމެއް،“ ރައީސް ވިދާޅުވި އެވެ.




ގުޅުންހުރި
ވަޒީފާއެއް ނެތް ބިދޭސީން ހޯދަނީ
ބިދޭސީންނަށް ކުއްޔަށް ދީފައިވާ ފުލެޓުތައް ހުސްނުކޮށްފި ނަމަ، އެއްބަސްވުން އުވާލަނީ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ސަފާރީއެއްގައި ރޯވެ އަނދަނީ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ޔާމީން އާއެކު މަސައްކަތްކުރަން ނަޝީދު އާއި ސޯލިހު