ޖުލައި 4, 2024

ދިރާސީ އަހަރު ކުރުގަޅުވާލުމުން މަސައްކަތް ބުރަވެ، ޓީޗަރުން ތިބީ ނަފުސާނީ ވެފައި: އެމްޑީޕީ

ދިރާސީ އަހަރު ކުރުގަޅުވާލައި ޓީޗަރުން އަބަދު މަސައްކަތުގައި ތިބެންޖެހޭ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ގެނައި ބަދަލުގެ ސަބަބުން ޓީޗަރުން ތިބީ ނަފުސާނީ ވެފައި ކަމަށް އެމްޑީޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް މި މަހުގެ 19 ވަނަ ދުވަހު ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ކުރީ ސަރުކާރުން ދިރާސީ އަހަރު ބަދަލުކޮށްފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށާއި ދިރާސީ އަހަރަށް އަލުން ބަދަލު ގެންނަން ޖެހުނީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ސަބަބުން ކަމަށް ވިދާޅުވެފ ައެވެ.

އެކަމަށް ރައްދު ދެމުން އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ދިރާސީ ކަންޑަރުގައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 27 އޭޕްރިލްގެ ނިޔަލަށް ސްކޫލް އިމްތިހާން ބާއްވަން އޮތުމުން އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާކުކޮށް ދަރިވަރުންގެ ރިޕޯޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ ތިން ދުވަސް ކަމަށެވެ. އެކަމުގެ ސަބަބުން ޓީޗަރުންގެ މަސައްކަތް އެތައް ގުނައަކުން ބުރަވެ، ޓީޗަރުން ޝަކުވާ ކޮށްފައިވާ ކަމަށް ބުންޏެވެ.

”އަދި ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހިކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލައި، ދިރާސީ އަހަރު ކުރުގަޅުވާލާ ހަފުތާ ބަންދެއް ރޭގަނޑެއް ރަސްމީ ބަންދެއް ބެލުމެއް ނެތި މުދައްރިސުން ތާއަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފުސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާކަމުގެ ޝަކުވާތައް ޓީޗަރުން ދަނީ ކުރަމުން“ އެމްޑީޕީން ބުންޏެވެ.

އެ ޕާޓީން ބުނީ، ސަރުކާރުން ޓީޗަރުންނާމެދު ވިސްނާ ނަމަ އެފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެ ކަމަށެވެ. އަދި ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލާފައިވެސް ވަނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެ ބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުން ކަމަށް ބުންޏެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރަން މިނިސްޓްރީން އެކަން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ބޮލުގައި އެޅުވުން ކުށްވެރިކުރާ ކަމަށެވެ. އަދި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާއި މަޖިލިސް އިންތިހާބާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުންޏެވެ.