ކުރީގައި އޮތީ ކޮރަޕްޝަން ހިންގާ މީހާ ހިމާޔަތްކުރުން, މިހާރު އެކަންކުރާ މީހާއަށް ފިޔަވަޅު އަޅާނެ: ރައީސް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން ބޭއްވި ސައިކަލު ބުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ކުރީ ސަރުކާރުތަކުގައި އޮތީ ކޮރަޕްޝަން ހިންގާ މީހުން ހިމާޔަތްކުރުމުގެ ސިޔާސަތެއް ކަމަށާއި ނަމަވެސް މި ސަރުކާރުގައި ކޮރަޕްޝަން ހިންގާ ސަރުކާރުގެ މުވައްޒަފު ވަގުތުން ވަކިކޮށް އެ މީހަކާ ދޭތެރޭގައި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ކައުންސިލުގެ ތިން ގޮނޑިވެސް ޕީއެންސީއަށް ލިބުމުގެ އުފަލުގައި އެ ރަށުގައި ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުތަކާ ހިލާފަށް، އެ މަނިކުފާނުގެ ކުރިމަތީގައި ކޮރަޕްޝަނަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.

”ހާސްބައި ތަފާތު މިހާރު . އަޅުގަނޑު ކުރިމަތީގައި ކޮރަޕްޝަނަކަށް ނޯންނާނެ އެއްވެސް ފުރުސަތެއް. ކުރީގައި ވެއްޖެއްޔާ ކޮރަޕްޝަނަށް ނަމެއްގައި ޒީރޯ ޓޮލަރެންސް، އަމަލީ ގޮތުން ކޮރަޕްޝަން އެންމެ ބޮޑަށް ހިންގި މީހާ މިނިވަންކުރުމުގެ ސިޔާސަތު އޮތީ ތަންފީޒުކޮށްފައި. ވަރަށް ތަފާތު. އުޑާއި ބިމާހާވެސް ތަފާތު،“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގުމުގައި އެންމެ އިސްކޮށް ހުރި މައްސަލައިގައި 20 އަހަރަށް ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވުމަށެވެ.

ސޯލިހު އަދީބަށް މައާފުދެއްވީ، ވެރިކަމުގެ ދައުރު ނިމެން އެންމެ ފަސް ދުވަހަށް ވެފައިވަނިކޮށެވެ. މައާފު ލިބުމާއެކު އަދީބު ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފަ އެވެ.