ރާއްޖޭގައި ދައްކާލި އިންސާނުން އުފުލާ އިލެޓްރިކް ޑްރޯން ނުވަތަ އީވީޓޯލް މަތިންދާބޯޓުގެ ދަތުރެއް މިއަދު މާލެއިން ވިލިމާލެއަށް ކުރަން ނިންމައިފި އެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ, އެ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 3:00 އެސްޓީއޯ ހެޑް އޮފީސް ކައިރިން ވިލިމާލެއަށެވެ.
ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ އެއް ސީޓުގެ ”ޑްރީމް އެސްޓީ“ މޮޑެލްގެ އީވީޓޯލް އުޅަނދު ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގައެވެ.
އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އުޅަނދެކެވެ. މިއީ ތިމާވެއްޓާވެސް ރައްޓެހި އަދި އަޑުމަޑު ޓެކްނޮލޮޖީއެއް ބޭނުންކުރާ އުޅަނދެކެވެ.


