އިޒްރޭލުގެ އަސްކަރީ ހަމަލާތަކުގެ ސަބަބުން ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ތެރޭގައިވެސް, ފަލަސްތީނުގެ ޣައްޒާގެ 250 ޖޯޑަކު އެއް ވަގުތެއްގައި ކައިވެނިކޮށްފި އެވެ.
”ޑްރެސް އޮފް ޖޯއި 3″ ގެ ނަމުގައި ޣައްޒާ ސިޓީގެ އަތިރިމަތީގައި ހުންނަ ސީ ކްލަބުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ހަފުލާ އިންތިޒާމުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ’އޮޕަރޭޝަން ޝިވަލްރަސް ނައިޓް 3“ އިންސާނީ އެހީގެ ހަރަކާތުގެ ދަށުންނެވެ.
ކައިވެނީގެ ގާފިލާ ޣައްޒާ ސިޓީގެ އައްސޭރި މަގުން ދަތުރުކުރީ މާތަކާއި ރަތް ރިބަންތަކާއި ފަލަސްތީނުގެ ދިދަތަކުން ޒީނަތްތެރިކޮށްފައިވަ އުޅަނދުތަކުގައެވެ. އެ ގާފިލާ ދަތުރުކުރީ ހަލާކުވެފައިވާ އިމާރާތްތަކާއި ގެދޮރު ގެއްލިފައިވާ އާއިލާތަކުން ހިޔާވަހިކަން ހޯދަމުންދާ ވަގުތީ ޓެންޓުތަކުގެ ކައިރިންނެވެ.
ކައިވެނި ކުރި ފިރިހެނުން ތިބީ ސޫޓުގައެވެ. އޭގެ ތެރެއިން ގިނަ މީހުން ތިބީ ކޮނޑުމަތީގައި ކަޅާއި ހުދު ކުލައިގެ ސަގާފީ ކަފިޔާ އަޅައިގެންނެވެ. އަންހެނުން ތިބީ ފަލަސްތީނުގެ ކުލަތަކުން ޖަރީކޮށްފައިވާ ހުދު ކުލައިގެ ކައިވެނީގެ ހެދުމުގައެވެ. އަދި ކޮންމެ އަންހެނެއްގެ އަތުގައި މާބޮޑިއެއް އޮތެވެ.
މި ހަރަކާތް އިންތިޒާމުކުރި ފަރާތްތަކުން ބުނި ގޮތުގައި މި ހަފުލާއަކީ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކާ ކުރިމަތިލަމުންދާ ޒުވާން ފަލަސްތީން މީހުންނަށް ކައިވެނީގެ މާލީ ބުރަ ލުއިކޮށްދިނުމެވެ. މި ހަރަކާތަށް 11,622 ފޯމު ހުށަހެޅި އިރު, 250 ޖޯޑު ހޮވާފައިވަނީ ގުރުއަތުލައިގެންނެވެ.


