ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް އޮތްނަމަ ރައީސުލްޖުމްހޫރިއްޔާ މިހާރު ވާނީ އަޒުލްކުރެވިފައި: ދީދީ

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑީޑީ)

ރާއްޖޭގައި ރައްޔިތުން ތަމްސީލުކުރާ ޒިންމާދާރު ރައްޔިތުންގެ މަޖިލީހެއް އޮތްނަމަ މިހާރު ރައީސުލްޖުމްހޫރިއްޔާ ހުންނާނީ އަޒުލްކުރެވިފައި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވެއްޖެ އެވެ.

ދީދީ އެހެން ވިދާޅުވީ, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ގޮވާލުމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ދީދީ ވިދާޅުވީ, ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ މަހުފޫމަކީ ގާނޫނުއަސާސީ ދަންނަ މަހުފޫމެއް ނޫން ކަމަށާއި ގާނޫނުއަސާސީ ދަންނަ މަހުފޫމަކީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުން ނުވަތަ އަޒުލްކުރުން ކަމަށެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައބު މަގާމުން ވަކިކުރުމާ ގުޅޭ މާއްދާ އެވެ. އެ މާއްދާގެ (ހ) ގައި ބުނަނީ އެ މާއްދާގައިވާ ހާލަތްތަކުންކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެ ކަމަށެވެ.

އެ މާއްދާގެ (ށ) ގައި ބުނަނީ އެފަދަ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް, ސޮއިކޮށްފައިވާ ލިޔުމަކުން ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާ ގާނޫނުއަސާސީއާ ހިލާފަށް ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ އާންމުކަމަކަށް ވެފައިވާއިރު, އަޒުލްކުރުމުގެ ބާރު ގާނޫނުއަސާސީން މަތިކޮށްފައިވާ މަޖިލީހުން ގާނޫނުއަސާސީއާއި ރައްޔިތުންނަށް ހިޔާނާތްތެރިވެ, އެ މީހުންގެ ދުސްތޫރީ މަސްއޫލިއްޔަތުން އެއްކިބާވީމަ, ދެން އޮންނާނީ އެންމެ ހައްލެއް. އެއީ ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާ,“ ދީދީގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ.