ރާއްޖޭގައި ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އަށް 70 އުޅަނދު ހޯދަން 2.3 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ޖަހައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު, މި ސަރުކާރު އައި ފަހުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް އުޅަނދުތައް ގަންނަން ބޮޑެތި ހަރަދުތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ މިހާތަނަށް އުޅަނދު ހޯދަން ޖެހި އެންމެ ބޮޑު އަދަދެވެ.
އެގޮތުން މި އަހަރު އަސްކަރިއްޔާއަށް ވެހިކަލް ގަތުމަށް 943,125 ރުފިޔާ ހަރަދުކުރާއިރު, އަންނަ އަހަރު 2.3 މިލިއަން އަދި 2028 ވަނަ އަހަރު 3.8 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ބުނެފައިވެ އެވެ.
ބަޖެޓު ފޮތުގައި ބުނެފައިވާ ގޮތުން އަންނަ އަހަރު ހަރަދުކުރުމަށް ހަމަޖެހިފައިވާ 2.3 މިލިއަން ރުފިޔާއިން ހޯދަން ނިންމާފައިވަނީ ޔުޓިލިޓީ ވެހިކަލްތަކެކެވެ.
ދިވެހި އަސްކަރިއްޔާއަށް ގެނައި އާ އާމްޑް ވެހިކަލްތައް ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މާލޭގައި މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބޭއްވި ޕެރޭޑުގައި ވަނީ ދައްކާލައިފަ އެވެ.


