ވޯލްޑް
ކަޕް

ވޯލްޑް ކަޕް: އަލަށް ވާދަކުރާ ކިއުރަސާއޯ އަތުން ޖަރުމަނަށް ފަސޭހަ މޮޅެއް 

ވޯލްޑް ކަޕް 2026 ގައި ކިއުރަސާއޯ ކޮޅަށް ގޯލު ޖެހުމަށްފަހު ޖަރުމަން ފޯވަޑް ކައި ހަވާޓްޒް އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި ކުޅުނު ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕު އީގެ މެޗުގައި، މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރާ ކިއުރަސާއޯ އަތުން 7-1 ގެ ބޮޑު ތަފާތަކުން ޖަރުމަނު މޮޅުވެއްޖެއެވެ.

މި މެޗުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ ޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ފީލިކްސް އެމޭޗާ، ނިކޯ ޝްލޮޓަބެކް، ކައި ހަވާޓްޒް، ޖަމާލް މުސިއާލާ، ނަތަނިއަލް ބްރައުން އަދި ޑެނިސް އުންދާވްއެވެ. އޭގެ ތެރެއިން ހަވާޓްޒް ދެ ގޯލު ކާމިޔާބުކުރިއެވެ.

ކިއުރަސާއޯއިން ހައިރާންކަމެއް ގެނުވީ ޖަރުމަނުން ލީޑު ހޯދާފައިވަނިކޮށް، މެޗުގެ 21 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކުރުމުންނެވެ. ދޮޅު ލައްކަ މީހުންގެ އާބާދީއެއް ހިމެނޭ ކިއުރަސާއޯގެ ތާރީހީ ގޯލު ކާމިޔާބުކޮށްދިނީ ލިވާނޯ ކޮމެނެންސިއާއެވެ. ނަމަވެސް އެ ގޯލަށްފަހު ކިއުރަސާއޯއަށް ޖަރުމަންގެ އެޓޭކު ހުއްޓުވުމަށް ގިނަ އުނދަގޫތަކެއް ކުރިމަތިވިއެވެ.

މި ނަތީޖާއާއެކު، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުން ޖަރުމަނު ވަނީ ތިން ޕޮއިންޓް ހޯދައި، ގްރޫޕްގެ ފެށުން ރަނގަޅުކޮށްފައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އައިވަރީ ކޯސްޓާއި އިކުއެޑޯއެވެ.