ރަޝިއާގެ ކޮންސަޓު ހޯލެއްގައި ބަޑިން ހަމަލާދީ 60 މީހަކު މަރާލައިފި

Vehicles of Russian emergency services are parked near the burning Crocus City Hall concert venue following a reported shooting incident, outside Moscow, Russia, March 22, 2024. REUTERS/Maxim Shemetov

ރަޝިއާގެ ވެރިރަށް މޮސްކޯގެ ބޭރުގައި ހުންނަ ކޮންސަޓް ހޯލަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ހަމަލާދީ 60 މީހަކު މަރާލައިފި އެވެ.

ރަޝިއާގެ ނޫސް ރިޕޯޓްތައް ބުނާ ގޮތުން، ކްރޯކަސް ސިޓީ ހޯލު ތެރޭގައި ރޭ ބަޑިން ހަމަލާދީ، އެ ތަނުގައި ހުޅުޖެހި ވަގުތަކީ ރޮކް ކޮންސެޓެއް ބަލަން ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި އޮތް ވަގުތެކެވެ.

އެ ހަމަލާގައި 150 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށް ރަޝިއާގެ ހެލްތް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

އެ ހަމަލާގެ ޒިންމާ އައިއެސް އިން މިހާރު ވަނީ ނަގައިފި އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ހަމަލާދިން މީހުން ވަނީ ފިލައިފަ އެވެ.

ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް ރަޝިއާގެ ސަލާމަތީ ބާރުތަކުން ކުރަމުން އަންނައިރު، ހަމަލާގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ނުރަސްމީ ރިޕޯޓްތައް ބުނެ އެވެ.