އުނުއޮރިޔާން ނިވާކުރުމާއި އަންނައުނު އެޅުމުގެ އަދަބަކީ އިސްލާމްދީނުގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވައިފައިވާ ކަމެކެވެ. އެއީ ފަރުދީ އަދި އިޖްތިމާޢީ ސަލާމަތާއި ރައްކާތެރިކަން ލިބިދޭ ތަރުބިއްޔަތެކެވެ. އަދި ހަމަ އެހެންމެ އެއީ މަޒްހަރީ ރީތިކަން ވެސް އޭގައި އެކުލެވިގެންވާ އަޚްލާޤެކެވެ. ފޭރާމަކީ މިދެންނެވި މަޤްޞަދުތައް ޙާޞިލުކުރުމަށް އިންސާނުންނަށް ޓަކައި ﷲ ބާވައިލެއްވި އެއްޗެއް ކަން ބަޔާން ކުރައްވައި ﷲ އަންގަވަނީ ﴿يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا …﴾ (الأعراف: ٢٦) މާނައީ: ”އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ.“
ހެދުން އަޅައި، ހަށިގަނޑު ނިވާކުރުމުގައި އިންސާނުންނަށް ލިބޭ ރައްކައުތެރިކަމުގެ ތެރޭގައި ޖައްވުގެ ފިނިހޫނުން ލިބޭ ގެއްލުމުން ސަލާމަތްވުމާއި އެކިއެކި ބަލިބަލިން ރައްކައުތެރިވުން ހިމެނެއެވެ. އަދި މީގެ އިތުރަށް ދެ ޖިންސު، ދެ ޖިންސަށް ޢައުރަ ވަންހަނާ ކޮށްގެން އުޅުމަކީ ފާހީޝް ޢަމަލުތަކާއި ޒިނޭއަށް ހުޅުވިދާނޭ އެތައް ދޮރެއް ބަންދު ކުރެވޭނޭ ކަމެކެވެ. މިފަދަ ރައްކައުތެރިކަން ހޯދުމަށް ޓަކައި އަޅާ ފޭރާމުން ދެން ލިބޭނޭ އަނެއް މަންފާއަކީ އިޖްތިމާޢީ އަދި ފަރުދީ ޒީނަތްތެރިކަމެވެ. މިދެންނެވި ޒީނަތްތެރިކަން އަޅުގަނޑުމެން މުސްލިމުން ބަހައްޓަން ވާނީ އިސްލާމީ ހުދޫދުގެ ތެރޭގައެވެ. މި ކަމުގައި އަންހެނުންނާ ފިރިހެނުން ތަފާތުވެގެން ނުވެއެވެ. ދެ ޖިންސުގެ މީހުންނަށް ވެސް އައުރަ ކަމުގައި އިލާހީ ދަރުބާރުން ކަނޑައަޅުއްވައިފައި ވާ ހުދޫދު ފަހަނަޅައި ގޮސްގެން ނުވާނެއެވެ.
ފިރިހެނާގެ އައުރައަކީ ފޫޅާ ކަކުލާ ދެމެދެވެ. އެ މިންވަރު ނިވައިކުރުން އޭނާއަށް ވާޖިބުވެގެން ވެއެވެ. މިއަދުގެ ފެޝެނާއި، ހެދުން އެޅުމުގެ ވައްޓަފާޅި މުސްލިމުންތެރޭ ވެސް މި ވަނީ އިސްލާމްކަމާ ދުރު ހިސާބަކަށް ދާން ފަށާފައެވެ. ބައެއް ފިރިހެނުން މިސްކިތައް އަރާއިރު ލައިފައިހުންނަ ޖިންސު ނުވަތަ ފަޓުލޫނު ޅިނދުކަށިން ސޮހިގެންގޮސް އައުރަ ކަޝްފުވެފައި ހުރެއެވެ. ރުކޫކުރާއިރާއި ސަޖިދަކުރާއިރު ފަހަތުގައި ހުންނަ މީހާއަށް ފިނދުމަސްގަނޑު އޮންނަނީ ފެންނާށެވެ. އައުރަ ކަޝްފުވުމުގެ ސަބަބުން އޭނާގެ ނަމާދަށް އުނިކަން ލިބޭނޭކަން ދަންނަ އެއްވެސް މީހަކު އެފަދައިން ހެދުންނާޅާނެއެވެ. މިސްކިތައް ދާންވާނީ ޒީނަތްތެރިކަން މަތީގައެވެ. ސާފު ހެދުމުގައެވެ. އައުރަ ނިވައިކޮށްގެންނެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ…﴾ (الأعراف: ٣١) މާނައީ: “ އޭ އާދަމުގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!“
އަދި ހަމަ އެހެންމެ އާންމު ދިރިއުޅުމުގައި ފިރިހެނުން ކަކުލުން މައްޗަށް ހުންނަ ސޯޓުލައިގެން އުޅުން ވެސް މިއަދު އާންމު ކަމެއްގެ ގޮތުގައި ފެނެއެވެ. އެ ހުރިހާ ހިނދަކު އޭނާ އެ ހުންނަނީ އައުރަ ކަޝްފުކޮށްގެންނެވެ. އޭނާ އެހުންނަނީ ނަމާދަށް ވެސް އެރޭނޭ ހާލަތެއް ގައެއް ނޫނެވެ. ހިތާމައަކީ ބައެއް އޮފީސްތަކުގެ ޔުނީފޯރމު ވެސް މި ދެންނެވި ފަދައިން އައުރަ ނިވައިނުވާ ގޮތަށް ފަރުމާކޮށްފައި ހުންނަ ކަމެވެ.
އަންހެނާގެ އައުރައިގެ ވާހަކަ ދަންނައެވެ! އެއީ ވެސް ދެއްކުން މުހިންމު ވާހަކައެކެވެ. އަންހެނުން ލައިއުޅޭ އަންނައުނު ހުންނާން ވާނީ ފުރިހަމައަށް ޢައުރަ ނިވައުވާ މިންވަރަށެވެ. އޭނާގެ ޒީނަތް ފައުޅު ނުކުރުމަށް ﷲ ވަނީ އަމުރު ކުރައްވައިފައެވެ. އެ އިލާހު ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ﴿وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾ (النور: ٣١) މާނައީ: ”އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފައުޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ!“
އަންހެނުންގެ ޒީނަތްތެރިކަން ފޮރުވުމަށާއި ނިވައިވެ ތިބުމަށް ﷲ އަންގަވައިފައި ވަނީ އެކަނބަލުންގެ ރައްކައުތެރިކަމަށާއި ޢިއްޒަތްތެރި މުއުމިނު ކަނބަލުންކަން އެހެން އެންމެންނަށް އެނގުން އެ ކަމުގައި ލައްވައިފައި ވާތިއެވެ. ޖިއްސުއްލަޠީފުންގެ ގޮތުގައި އެ ކަނބަލުން އުފެއްދެވި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُورًا رَّحِيمًا﴾ (الأحزاب: ٥٩) މާނައީ: ”އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.“
އައުރަނިވައިވާ ގޮތަށް އަންނައުނު ނުއަޅާ ނަމަ ފޭރާން ލައިގެން އޮރިޔާމުން ތިބޭ މީހުންގެ ތެރޭ ހިމެނިދާނެއެވެ. އެފަދައިން ވެއްޖެ މީހަކަށް ސުވަރުގެ ނުވަދެވޭނެ ކަމާއި ސުވަރުގޭގެ ވަސް އެތައްއެތައް ދުރުމިނަކަށް ފެތުރިފައި ހުންނަ އިރު، އެ ތަނުގެ ވަސް ދުވާ ހިސާބަށް ކައިރިވެސް ނުވެވޭނެ ކަމަށް ޞައްޙަ ޙަދީޘުގައި އައިސްފައި ވެއެވެ.
މިއަދު މި ވާހަކަތަކަށް ވިސްނާ މީހުން އިސްލާމީ މުޖްތަމަޢުތަކުގައި ވަރަށް މަދު ވެއްޖެއެވެ. މި އިންޒާރަށް ބިރުގަންނަ މީހަކު ނެތް ކަހަލައެވެ. އެއް ގޮތަކީ މި ކަންކަން މި މަގުން އައިސްފައިވާކަން ނޭނގުމެވެ. އަނެއް ގޮތަކީ އެނގުނަސް އެ ކަމުގެ އަހައްމިއްޔަތު ނުވިސްނުމެވެ. މިއިން ކޮންމެ ގޮތެއް ވީ ނަމަވެސް ގެއްލިގެންދަނީ ދެ ދުނިޔޭގެ މަންފާއާއި ލާބައެވެ. ވަކިން ޚާއްޞަކޮށް އާޚިރަތުގެ ކާމިޔާބައި ފަލާޙެވެ.
އޭ ލޮބުވެތި އަޚުންނާއި އުޚްތުންނެވެ! އިސްލާމީ ތަރުބިއްޔަތުން ޒީނަތްތެރިވުމަށް އެދޭ ނަމަ ދީނީ ޢިލްމު ހޯދުމަށް މަސައްކަތް ކުރާށެވެ. ލިބޭ ޢިލްމަށް ޢަމަލުކުރާށެވެ. އެއަށް ފަހު އެ ވާހަކަތައް އެހެން މީހުނަށް ފޯރުކޮށްދޭށެވެ.
ގުޅުންހުރި
ކޮންމެ މީހަކާ ހަވާލުވެފައިވާ މަސްއޫލިއްތު އަދާކުރީ ކިހިނެއްތޯ ގިޔާމަތް ދުވަހުން ސުވާލު
މާތް ﷲ، އެކަލާނގެއަށް ޝަރީކު ކުރުންމަތީ މަރުވާ މީހާގެ ފާފަ ނުފުއްސަވާނެތެވެ.
ފާފައެއް ކުރެވުމަކީ ދީނަށް ހިދުމަތްކުރުމަށް ހުރި އުޒުރެއް ނޫން، ރެކެން އޮތް
އަރަފާތު ދުވަހަށް ވުރެ ގިނައިން ﷲގެ އަޅުން ނަރަކަ އިން މުއްތިކުރާ
ކައުނުގައި ހިނގާ ހުރިހާ ކަމަކީ އިއްތިފާގަކުންވާ ކަމެއް ކަމަށް، ގަބޫލުކުރުމަކީ ކިހާ
ރޯދަމަސް އަދި ނުނިމެއެވެ