ގުޅިފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއްނޫންކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެ މަނިކުފާނުގެ އަރިހުގައި ދަންނަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.
މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ ތާއިދާއެކު މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގުޅިފަޅުން ގޯތި ދޫކުރަން ނިންމީ އެއްވެސް ޕްލޭން ކުރުމެއް ނެތި ދައުރު ނިމެން ކައިރިވެފައި ވަނިކޮށް ކަމަށެވެ.
”އަދި އަޅުގަނޑު ހަމަ މިއާ ގުޅުވާލާ ހަނދާންވި ކަމެއް. އަޅުގަނޑު އެއިރު މޭޔަރަކަށްހުރިއިރުގަ މި ދެންނެވި ބައްދަލުވުމުގަ ރައީސުލްޖުމްހޫރިއްޔާ ދެންނެވިން ގުޅިފަޅު ވާހަކަ ދެންނެވީމަ ވިދާޅުވީ އެއީކީ މީހުން ދިރިއުޅެން ކަމުދާތަނެއް ނޫނޭ. އެހެންކިޔާފަ އެހެންނަމަވެސް އެތަން ހިއްކައިގެން އެތަން އަނެއްކާވެސް ބޭނުންކުރަން ފެށީ. ،،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ވަނީ ގުޅިފަޅުގައި ޕޯޓެއް ގާއިމުކުރަން ނިންމާފައި ކަމަށެވެ. ނަމަވެސް މާލޭ ސަރަހައްދުގެ ތަރައްގީ ޕްލޭން ތައްޔާތުކުރި ތަޖުރިބާކާރުން ވަނީ އެއީ ދުރުމުސްތަގުބަލަކަށް ބަލާއިރު އެކަށީގެންވާ ގޮތެއް ނޫން ކަމަށާއި އަދި ގުޅިފަޅަކީ ޕޯޓެއް ގާއިމުކުރަން އެކަށީގެންވާ ތަނެއް ނޫންކަމަށް ބުނެފައި ކަމަށެވެ. އެ ބޭފުޅުންގެ ނަޒަރުގައި ޕޯޓު ހެދުން އެންމެ ރަނގަޅީ ތިލަފުށީގައިކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ އެ ޕޯޓު ތިލަފުށީގައި ހެދުމަށް މިހާރު ނިންމާފައިކަމަށް ރައީސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މާލޭ މީހުންނަށް ގޯތި ދިނުމަށް ގުޅިފަޅުން 70 ހެކްޓަރުގެ ބިން އިތުރުވެފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.




ގުޅުންހުރި
ތިން މަހުގެ ކުއްޖެއް ފަދަ އިގުތިސާދެއް އޮތް މިގައުމު ހިންގޭނީ ރައީސް
ބޮޑު އިންޖީނުގެ ނިމުމުން 20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ:
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ޗައިނާ ކުންފުންޏަށް ދިން މަޝްރޫއު މިފަހަރު
ފްލެޓް ކުއްޔަށް ދޭނަމަ 50،000ރ އިން ޖޫރިމަނާކޮށް ފްލެޓް އަތުލާނަން: އެފްޑީސީ
އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު
އިސްތިއުފާދެއްވަން ރައީސް ވަހީދަށް އެންގިން: ރައީސް މުއިއްޒު