ދެކުނު ކޮރެއާގައި އަލަށް އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުންދާތީ އެ ގައުމުގެ ކުންފުނިތަކުން މުވައްޒަފުންނަށް ހާއްސަ އިނާޔަތްތަކެއް ތައާރަފު ކުރަން ފަށައިފި އެވެ.
ދެކުނު ކޮރެއާގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ބޫޔަންގް ގުރޫޕުން ވަނީ އެ ކުންފުނީގެ މުވައްޒަފުން އިތުރު ކުދިން ހޯދުމަށް ހިތްވަރު ދިނުމުގެ ގޮތުން ހޯދާ ކޮންމެ ކުއްޖަކަށް 75،000 ޑޮލަރުގެ ބޯނަސްއެއް ދޭން ނިންމައިފަ އެވެ. އަދި އެ ބޯނަސް 66 މުވައްޒަފަކު ވަނީ ހޯދައިފަ އެވެ.
ބޫޔަންގް އިން ބުނީ، ތިން ކުދިން ތިބޭ އާއިލާތަކަށް ނުވަތަ ތިން ކުދިން ހޯދާ އާއިލާތަކަށް އެއްވެސް ޓެކުހެއް އަދި މަރާމާތު ކުރުމުގެ ހަރަދެއް ނުދާ ގޮތަށް ގެދޮރުވެރިކަންވެސް ދޭން ބޭނުންވާ ކަމަށެވެ.
ބޫޔަންގްގެ އިތުރުން ދެކުނު ކޮރެއާގެ އެންމެ ބޮޑު އެއް ވިޔަފާރި ގުރޫޕް، ލޯޓް ގުރޫޕުންވެސް ވަނީ ތިން ކުދިން ނުވަތަ އެއަށްވުރެ ގިނަ ކުދިން ހޯދާ އާއިލާތަކަށް ހަތަކާއި ނުވަ ސީޓުގެ ފެމިލީ ވެހިކަލްއެއް ހިލޭ ދޭން ނިންމައިފަ އެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން ހިއްސާކޮށްފައިވާ އަދަދުތަކަށް ބަލާއިރު، އެ ގައުމުގެ އަންހެނަކު، އޭނާގެ މުޅި ހަޔާތުގައި ވިހާނެ ކަމަށް ބެލެވޭ ކުދިންގެ އެވްރެޖް އަދަދު ވަނީ ދަށަށް ދާން ފަށައިފަ އެވެ.
އެގޮތުން 2022 ވަނަ އަހަރު އެ އަދަދު 0.78 ޕަސެންޓުގައި ހުރި އިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 0.72 ޕަސެންޓަށް ވެއްޓިފަ އެވެ. އަދި މި އަހަރު އެ އަދަދު 0.68 އަށް ވެއްޓޭނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

ގުޅުންހުރި
އެފްރިކާގައި ހަލުވިކަމާއެކު އެމްޕޮކްސް ފެތުރެނީ، ބަލީގައި މަރުވި އަދަދު 1،700 އިން
އެހެން މީހަކާ ކައިވެނި ކޮށްފާނެތީ އަންހެނަކު، އޭނާގެ ލޯބިވެރިޔާގެ ކަށި އިނގިލި
7 އަހަރުގެ ދަރިފުޅަށް އަނިޔާކުރި މައްސަލައިގެ ތެރެއިން ފަޅާއެރީ 7 އަހަރު
އިޒްރޭލުގެ އެކި ހިސާބުތަކުގައި އަލިފާން ރޯވެ އަނދަނީ، ކޮންޓްރޯލް ކުރަން ނުކުޅެދިފައި!
އިޒްރޭލުން ހައްޔަރުކުރި ފަލަސްތީންގެ ޕެރަމެޑިކެއް މިނިވަންކޮށްފި
އެމެރިކާގައި ހަލުވި ކަމާއެކު ހިމަބިހި ފެތުރެނީ