ޖުލައި 4, 2024

މިސް ޔުނިވާސް ބިއުޓީ ޕެޖެންޓަށް ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާ ވަންނަން ނިންމައިފި

މަޝްހޫރު މިސް ޔުނިވާސް ބިއުޓީ ޕެޖެންޓަށް ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާ ވަންނަން ނިންމައިފި އެވެ.

މިސް ޔުނިވާސް 2024 ގެ 73 ވަނަ އެޑިޝަން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު މެކްސިކޯގައި ބާއްވަން ހަމަޖެހިފައިވާ އިރު މި މުބާރާތުގައި ސައުދީ އަރަބިއްޔާ ތަމްސީލްކުރަން ހަމަޖެހިފައިވަނީ އެގައުމުގެ ވެރިރަށް ރިޔާދްގެ މޮޑެލްއެއް ކަމަށްވާ ރޫމީ އަލްކަހްތާނީ އެވެ.

ސާޝް އާއި ސައުދީ ދިދައާއެކު ރިހި ކުލައިގެ ސީކުއިން ގައުނެއްގައި ނަގާފައިވާ ފޮޓޯއެއް އަލްކަހްތާނީގެ އިންސްޓަރ ގްރާމްގައި ހިއްސާކުރަމުންނެވެ. މިލިޔަނަކަށްވުރެ ގިނަ ފޮލޯވަރުން ތިބޭ އޭނާގެ އިންސްޓަރ ގްރާމްގައި ފޮޓޯ ޝެއަރކުރަމުން ބުނެފައިވަނީ ”މިސް ޔުނިވާސް 2024 ގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއްކަމަށެވެ. މިއީ މިސް ޔުނިވާސް މުބާރާތުގައި ސައުދީ އަރަބިއްޔާ ބައިވެރިވި ފުރަތަމަ ފަހަރު.“ ކަމަށްވެސް އަލްކަހްތާނީ ވަނީ ބުނެފައެވެ.

ރޫމީ އަލްކަހްތާނީ އަކީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ރަންވޭ މޮޑެލް އަދި ސޯޝަލް މީޑިއާ ގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ފަރާތެކެވެ.  ޑެންޓިސްޓްރީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވާ އަލްކަހްތާނީ އަކީ އަރަބި، ފަރަންސޭސި އަދި އިނގިރޭސި ބަހުން ފަރިތަ ކަމާއި އެކު ވާހަކަ ދައްކާ ޒުވާނެކެވެ.

އަލްކަހްތާނީ ވަނީ މެލޭޝިއާގައި ބޭއްވި މިސް އެންޑް މިސިސް ގްލޯބަލް އޭޝިއަން މުބާރާތާއި މިސް އަރަބް ޕީސް އަދި މިސް ޔޫރަޕް ފަދަ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ ބިއުޓީ ޕެޖެންޓް އިންޑަސްޓްރީގައި މަޝްހޫރުކަން ހޯދާފަ އެވެ.މީގެ އިތުރުންވެސް އޭނާ ވަނީ މިސް ސައުދީ އަރަބިއްޔާ، މިސް މިޑްލް އީސްޓް، މިސް އަރަބް ވޯލްޑް ޕީސް އަދި މިސް ވުމަން (ސައުދީ އަރަބިއްޔާ) ފަދަ ޝަރަފުވެރި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން ގުޑްވިލް އެމްބެސެޑަރަކަށް މިއަހަރުގެ ފެބްރުއަރީ މަހު އަލްކަހަތާނީ ހަމަޖެއްސީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށެވެ.