ޖުލައި 2, 2024

ހަފްތާ ބަދިގެ: ތަންދޫރީ ޗިކަން ކަލްޒޯންސް

ބޭނުންވާ ތަކެތި

  • 500ގ ކުކުޅު (ކުދިކޮށް ކޮށާފައި)
  • 2 ސައިސަމުސާ ޖިންޖާ ގާލިކް ޕޭސްޓް
  • 2 މޭޒުމަތީ ސަމުސާ ޕްލެއިން ޔޯގަޓް
  • 1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
  • ½ ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ ކިއުމިން ޕައުޑަރު
  • 1 ސައިސަމުސާ ޗިލީ ޕައުޑަރު
  • 1 ސައިސަމުސާ ޗިލީ ފްލޭކްސް
  • ރަހަލާވަރަށް ލޮނު
  • 2 ސައިސަމުސާ އަސޭމިރުސް
  • 1 ސައިސަމުސާ ތަންދޫރީ މަސާލާ
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • ޕިއްޒާ ސޯސް
  • ޕިއްޒާ ފުށްގަނޑެއް
  • މޮޒަރެއްލާ ޗީޒް (ގާނާފައި)

ތައްޔާރުކުރާނެ ގޮތް

ކޮންޓެއިނަރަކަށް ކުކުޅު، ޖިންޖާ ގާލިކް ޕޭސްޓް، ޔޯގަޓް، ލުނބޯ ހުތް، ކިއުމިން ޕައުޑަރު، ޗިލީ ޕައުޑަރު، ޗިލީ ފްލޭކްސް، ލޮނު، އަސޭމިރުސް، ތަންދޫރީ މަސާލާ އަދި ތެޔޮ އެޅުމަށްފަހު ރަނގަޅަށް އެއްކޮށް މެރިނޭޓް ކުރުމަށްޓަކައި އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތަވައަކަށް ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ކުކުޅުކޮޅު އަޅައި ރަނގަޅަށް ރޯފިލުވާލާށެވެ.

ފިއްޒާ ފުށްގަނޑު ދަމާލުމަށްފަހު ހަތަރެސްކަނަށްވާ ގޮތައް ކަފާލާށެވެ. މި ފުށްގަނޑުގެ އެއްފަޅީގެ މަތީގައި ޕިއްޒާ ސޯސްކޮޅެއް ފަތުރާލުމަށްފަހު ތައްޔާރުކުރި ކުކުޅުކޮޅެއް މީގެ މަތީގައި ފަތުރާލާށެވެ. އެއަށްފަހު މީގެ މަތީގައި ޗީޒްކޮޅެއް ފަތުރާލާށެވެ. ދެން މި ފުށްގަނޑު ފަތްޖަހާލުމަށްފަހު އަރިމަތިތައް ބައްދާލާށެވެ. 180 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރެވިފައިވާ އަވަންއެއްގައި މި ކަލްޒޯންތައް 15- 20 މިނެޓް ވަންދެން ފިހެލާށެވެ.