މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ފެނަކަ އޮތީ ބަނގުރޫޓުވެފައި ކަމަށާއި ކުންފުނި ކޮޅަށް ޖެހޭނީ މުވައްޒަފުން މަދުކޮށްގެން ކަމަށް ބުނުމަށް ފަހު، ކަނޑާލި ކޮންމެ މުވައްޒަފަކަށް އިތުރު ދެ މުވައްޒަފުން ވައްދާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ.
ސޯލިހު އެގޮތަށް ވިދާޅުވީ، މި މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ފަރާތުން މާލޭގައި އުޅޭ އެ ދާއިރާގެ ރައްޔިތުންނަށް ރޭ ރާޅުގަނޑުގައި ދިން ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯލިހު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު މި ވަގުތު ހުރި ގޮތުން، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރުމަށްޓަކައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ޑަޒަން ޑަޒަނަށް ވަޒީފާތަކަށް މީހުން ވައްދަމުންދާ ކަމަށެވެ.
”1،500 އަށްވުރެ މައްޗަށް އެ ލިސްޓު (ސިޔާސީ މީހުންގެ ލިސްޓު) އަރައިގެން އެ ދަނީ. ކީކޭތޯ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވިދާޅުވީ. އަސްލަމް އެކަނި ކަންނޭނގެ އިންނެވީ. އެހެން ބޭފުޅުން ވަޑައެއް ނުގަންނަވާ. އަޑުއައްސަވާނެ. ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނިއްޔަކާ ވަޒީފާއަށް އިތުރު މީހަކު ނުނަގާނަމޭ. ހާމަކުރައްވަންވީނޫންތޯ. ރައްޔިތުންގެ ފައިސާ އެ ހަރަދުކުރައްވަނީ،“ ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ މައުލޫމާތު ހާމަނުކުރާ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވާނެ ކަމަށާއި އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެ ކަމަށެވެ. އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
”ވެރިކަމަށް ވަޑައިގެން ވިދާޅުވީ ފެނަކައަކީ ބަނގުރޫޓުވެފައި އޮތް ކުންފުންޏެކޭ. ނަގާ ކޮޅަށް ނަގަން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަންޖެހެއޭ. ވަކިކުރި. އެކަމަކު އެ ވަކިކުރި ކޮންމެ މީހަކަށް ދެ މީހަކަށް އެ ވަޒީފާ އެބަދޭ. އެއީ ހާމައަށް ފެންނަން އޮތް ކަމެއް. ހާމަކުރައްވާ. އެ ވަޒީފާ ދިން މީހުންގެ އަދަދު. ނުކުރާކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖަވާބުދާރީ ކުރުވާނަން. އަޅަންޖެހޭ ފިޔަވަޅު އަޅާނަން. އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް،“ ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވަރަށް ގިނަ ވައުދު ވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެއީ ދޮގުތަކެއްކަން ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްވެސް ދޮގު މައްޗަށް ދޮގު ހައްދަވަމުން ގެންދަވާ ކަމަށާއި އެކަން ހުއްޓުވައި، އެކަމާ ގުޅޭ ގޮތުން ސުވާލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.


ގުޅުންހުރި
އިދާރާތަކުގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރެވެން ނެތް ކަމަށް ނިންމައިފި
އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް ޑިޖިޓަލް ސިސްޓަމެއް
ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައުމުގެ މައްސަލަ ބެލޭނެ ކަމަށް ކަނޑައަޅައިފި
މި ރޯދަ މަހުވެސް ޝަހީމް އިމާމުވެ ތަރާވީހު ނަމާދު ކުރައްވާނީ ހުޅުމާލޭ
އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރަސްމީ މުސާރައަކާއި ރޯދަ އެލަވެންސް ދޭން މަޖިލީހުން
މި އަހަރުގެ ރޯދަމަހުގެ ރަސްމީ ގަޑިއަކީވެސް ހެނދުނު 9 އިން މެންދުރުފަހު