ދަ ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތްކަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރެއްވުމަށް ފަހު ނަޝީދު ވަނީ ދިރިއުޅުން ގާނާއަށް ބަދަލުކުރައްވައިފަ އެވެ. މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ދާއިރާ ތަމްސީލު ކުރައްވަން ތިން މަސް އޮއްވައި، އެ މަނިކުފާނު ގާނާ އަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.
ނަޝީދު މާލެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރެއްވީ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު (ހަސަންކޮ) އެވެ. އޭނާވެސް ގެންދަވަނީ ދެވަނަ ދައުރަކަށް ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވަމުންނެވެ.
ހަސަން ލަތީފްގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައިވާ ގޮތުން ނަޝީދު މާލެ ވަޑައިގެން ތިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެގޮތުން 19 އޭޕްރިލްވާ ހުކުރު ދުވަހުގެ ހަވީރު ވިލިމާލޭގެ ޑިމޮކްރެޓްސްގެ ޖަގަހަ ކުރިމަތީ ބާއްވާ ކެމްޕެއިން އެއްވުމެއްގައި އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި ހަމަ އެ ދުވަހުގެ ރޭ ”ރައީސް ނަޝީދު ލެޖިސްލެޓިވް އެޖެންޑާ“ ހުށަހެޅުމުގެ ހަރަކާތެއް މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ހަސަން ލަތީފް ވިދާޅުވެފައިވާ ގޮތުން، ކެމްޕެއިން ނިންމާލުމުގެ ގޮތުން ހުޅުމާލެ ރުއްގަނޑުގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ އެއްވުމުގައި ވެސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.



ގުޅުންހުރި
އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ
އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި
އަތޮޅުތަކުން މާލެއަށް 1530 ދަރިވަރުން ބަދަލުވެއްޖެ، ގިނައީ ހުޅުމާލެއަށް
އެފްޑީސީގެ ހުރިހާ ޓަވަރަކަށް ކަރަންޓު ގުޅައި ނިންމާލައިފި
ޓެކުހަށް މަކަރު ހެދި މައްސަލައިގައި ދެ ޑޮކްޓަރުންނަށް ދައުވާކޮށްފި
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، ކިލޯއަކަށް 20