ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާ ބޭއްވުމަށް ސޯޝަލް ސެންޓަރު ހަމަޖައްސައިދީފައިވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދިނުމާ ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރޭގަ އެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ކަމަށް ބުނެ އެ ޖަލްސާ މިރެއަށް ފަސްކުރި އެވެ.
މިރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ހުރިހާ ތައްޔާރީއެއްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފަ އެވެ. އަދި ގޭތު ބޭރުގައި ތިބި މީހުންނާ ދިމާލަށް ޕެޕާ ސްޕްރޭވެސް ބޭނުންކުރި އެވެ. އެތަނުގައި ޖަލްސާ ނުބޭއްވުމުގެ ސަބަބުން، އެ ޖަލްސާ ވަނީ ރާޅުގަނޑު ސަރަހައްދަށް ބަދަލުކޮށްފައެވެ.
ރައީސް އޮފީހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސޯޝަލް ސެންޓަރުގައި ޖަލްސާ ބޭއްވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ޕީއެންއެފްއަށް އަންގާފައިވާ ކަމަށެވެ.
”ޕީއެންއެފް ޖަލްސާ މިރޭ ވެސް ބޭއްވުމަށް ސޯޝަލް ސެންޓަރު ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޕީއެންއެފްއަށް ދާދި ދެންމެ ވަނީ އަންގާފަ،،“ ރައީސް އޮފީހުން ބުންޏެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ފަރާތުން، އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ހުއްދަދެވިފައިނުވާ އެއްވުމެއް ހުއްޓުވައި ސްކޫލް ރައްކާތެރިކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ.
“އަދި އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދިފައިވާތީ، އެ ސްކޫލުގައި މި ވަގުތު ކުރިއަށްދާ އެއްވުމަށް ފުލުހުން ދަނީ އެޓެންޑް ކުރަމުން،،” ޝިފާން ވިދާޅުވި އެވެ.
ފުލުހުން އެ ޖަލްސާ ހުއްޓުވި އިރު، އެ ސަރަހައްދުގައި އީސީގެ އޮފިޝަލުންވެސް ތިއްބެވެ.
ޕީއެންއެފް އުފައްދާ ޖަލްސާއަށް ފުލުހުން ހުރަސް އެޅުމާ ގުޅިގެން އެ ސަރަހައްދުގައި ތިބި މީހުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށާއި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވަމުންނެވެ.
އެފަހުން ފުލުހުން ބުނީ ގިޔާސުއްދީން ސްކޫލާއެކު ޕީއެންއެފުން ހަދާފައިވާ އެއްބަސްވުން، ގިޔާސުއްދީން ސްކޫލުން ބާތިލުކޮށް، އެކަން ޕީއެންއެފްއަށް އަންގާފައިވާ ކަމަށެވެ.


ގުޅުންހުރި
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި
މިނިސްޓަރުންގެ ”އަހާ“ ފޯރަމް ނުބާއްވާތާ 9 މަސް ފަހުން މާދަމާ ރޭ
ޑްރަގު މައްސަލައެއްގައި މަންމައާއި ދަރިފުޅު ހައްޔަރުކޮށްފި
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ރާއްޖެ އައުމާ އެކު ހައްޔަރުކޮށްފި