އިލެކްޝަންސް ކޮމިޝަން (އީސީން) ހުއްދަ ދިނުމާއި ގުޅިގެން ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމީ ރޭގަ އެވެ. ނަމަވެސް ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން ޖަލްސާ މިރެއަށް ފަސްކުރި އެވެ.
މިރޭ 09:00 ގައި ޣިޔާސުއްދީން ސުކޫލްގެ ހޯލުގައި ޖަލްސާ ބާއްވަން ހުރިހާ ތައްޔާރީއެއްވެ، ޖަލްސާއަށް މީހުން ވަންނަމުން ދަނިކޮށް އެސްއޯ ފުލުހުން ވަނީ އެ ސަރަހައްދަށް އައިސް ބައިވެރިންނަށް ޖަލްސާ ހޯލަށް ނުވަދެވޭ ގޮތައް ސުކޫލުގެ ގޭޓު ބަންދުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ ޖަލްސާއަށް އެ އިދާރާ އިން ހުރަސް އެޅީ އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔައީ ހުއްދަ ދެވިފައިނުވާ އެއްވުމެއް ކަމަށް އެ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމުން، އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރި ކަމަށް އެދުމުން ކަމަށެވެ.
އެކަމާ ގުޅިގެން ޕީއެންއެފްގެ ޖަލްސާ މިހާރު ކުރިއަށް ގެންދަން ނިންމާފައިވަނީ ރާޅުގަނޑު ސަރަހައްދުގަ އެވެ. އެތަނުގައި އެއްވެސް އަލިކަމެއް ނެތްއިރު، ޖަލްސާގެ ބައިވެރިން ތިބީ ފޯނުގެ ލައިޓް ދިއްކޮށްގެންނެވެ. އަދި ވާހަކަ ދައްކަން ބޭނުން ކުރަމުންދަނީ އަޑުގަދަކުރާ އެކެވެ.
މިރޭގެ ޖަލްސާގައި ޒޭން، ޕީއެންއެފްގެ ވަގުތީ ރައީސްގެ މަގާމަށް އިންތިހާބު ކުރެއްވީ ޖަލްސާގައި ބައިވެރިވި 329 މީހުންގެ އިއްތިފާގުންނެވެ.
ރައީސްގެ މަގާމަށް ޒޭން އިންތިހާބު ކުރުމުގެ އިތުރުން ވަނީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މަލީހު ޖަމާލް، ވަގުތީ ޓްރެޝާގެ މަގާމަށް އަހުމަދު މުސްތަފާ އަދި ވަގުތީ ރަޖިސްޓާގެ މަގާމަށް އަލީ ޝިޔާން އިންތިހާބުކޮށްފައެވެ. އެ ބޭފުޅުންވެސް ވަގުތީ މަގާމުތަކަށް އިންތިހާބު ކުރެއްވީ ޖަލްސާގެ ބައިވެރިންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ވަނީ ޕީއެންއެފް ވަގުތީ ގޮތުން ހިންގާނެ ކޮމިޓީއެއްވެސް އިންތިހާބުކޮށްފައެވެ. އެ ކޮމިޓީއަށް ޔާމީން ވަނީ އިއްތިފާގުން އިންތިހާބުކޮށްފައެވެ. އެ ކޮމިޓީގައި 20 މީހުން ތިއްބަވާއިރު އޭގެ ތެރޭގައި ޒޭން، ޑރ. މުހައްމަދު ޖަމީލު އަހުމަދު، މަލީހު ހިމެނިވަޑައިގަންނަވައެވެ.
ޖަލްސާގައި ވަނީ ޕީއެންއެފްގެ ކުލަ، ނަން، ސިއްކަ، އެޑްރެސް އަދި އަސާސީ ގަވާއިދު ވެސް އިއްތިފާގުން ފާސްކޮށްފައެވެ.
ޖަލްސާ ނިމުމުން ޔާމީން ވަނީ އެ ސަރަހައްދަށް ވަޑައިގެން ސަޕޯޓަރުންނާ އީދު ސަލާމް ކުރައްވައިފައެވެ.


ގުޅުންހުރި
ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭނަން، ގެނެވުނު ގޮތަކަށް ގެނެސް އަގުހެޔޮ
ރޯދައަށް މާލޭގެ މަގުތައް ސާފުކުރުން: އެއް ދުވަހުން 235 އުޅަނދު ޓޯކޮށްފި!
ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން ސިޓީ ކައުންސިލުން އިއުލާންކޮށްފި
ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުވާ މީހާ 15 ދުވަހަށް
ރޯދަމަހަށް މާލެ ސާފުކުރުމުގެ ބޮޑު ހަރަކާތެއް ފަށައިފި
އެޗްޑީސީގެ ސީއެފްއޯ އާއި އިތުރު ވެރިއަކު ވަކިކޮށްފި