އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ފުވައްމުލަކު ސިޓީގެ ދެކުނު ދާއިރާއަށް ވާދަކުރެއްވި އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) އިންތިހާބުން ބަލިވީ، އޭނާގެ އެއްބަނޑު ބޭބެ، ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު، އެންޓި ކެމްޕޭންކުރުމުގެ ސަބަބުން ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އެއީ ނަޒޫގެ އިތުުރން ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އިބްރާހީމް ހުސެއިން އަދި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު އަބްދުﷲ އެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 1،142 ވޯޓާއެކު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އިބްރާހިމް ހުސެއިން އެވެ. ނަޒޫއަށް ލިބިވަޑައިގަތީ 1،094 ވޯޓެވެ. އެއީ އިބްރާހިމް ހުސެއިން އަށްވުރެ 48 ވޯޓު މަދު އަދަދެކެވެ. އުމަރަށް ލިބިވަޑައިގަތީ 34 ވޯޓެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބަށް ހަދާފައިވާ ވަޓްސްއެފް ގްރޫޕެއް ކަމަށްވާ ”އެމްޑީޕީ2024“ ގައި މަހުލޫފު މިއަދު ކުރި މެސެޖެއްގައި ވިދާޅުވީ ފުވައްމުލަކު ދެކުނު ދާއިރާއަށް ގޮނޑި އެމްޑީޕީއަށް ގެއްލުވާލީ ފައިސަލް ކަމަށެވެ.
”އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅައި ދިޔައީ ނަޒޫއާ ދެކޮޅަށް މަސައްކަތް ކުރަމުން. މިކަން ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނަށް އަދި ނަޒޫގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭ،“ މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ނަޒޫއާ ދެކޮޅަށް ފައިސަލް މަސައްކަތް ކުރެއްވި މައްސަލަ ފުވައްމުލަކު ދެކުނު ދާއިރާގެ ފަރާތުން ޕާޓީއަށް ހުށަހަޅާނެ ކަމަށެވެ.
މަހުލޫފުގެ ޕޯސްޓުގައި ފައިސަލްއަށް އިތުރު ތުހުމަތެއްވެސް ކުރެއްވި އެވެ. އެއީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަން ނިންމުމަށް ފައިސަލް މަސައްކަތް ކުރެއްވިކަމުގެ ތުހުމަތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ފެށުނީ ރިޔާސީ އިންތިހާބުގައި އޭރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ހަމަޖެއްސެވުމުންނެވެ.
”އަދިވެސް އިތުރު ސަބަބެއް ހިމެނޭ. އެ މައްސަލަ މިހާރު އާއިލާގެ ފަރާތުން ވަނީ ޕޮލިސްއަށް ހުށަހަޅާފައި“ މަހުލޫފު ވިދާޅުވި އެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް