ޖުލައި 6, 2024

އަމިއްލަ ގޮތުން ހޮވުނު ޕާޓީއެއްގެ މެންބަރެއްގެ ގޮނޑިއަށް ވާނީ ކިހިނެތް؟

މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަންގެ ގާނޫނު އޮތް ގޮތުން އަމިއްލަ ގޮތުން މަޖިލީހަށް ހޮވުނު، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮނޑިއަށްވާނެ ގޮތަކާމެދު ސުވާލު އުފެދިއްޖެ އެވެ.

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލާއި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑި ގެއްލޭ ގޮތަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، ތަސްދީގު ކުރެއްވީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެއާއެކު އެ ބިލު ވަނީ ގާނޫނަކަށްވެފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް:

– ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން
– ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން
– މެންބަރަކު އިންތިހާބުވެފައިވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ހައިސިއްޔަތުންކަމަށްވެފައި، އެ މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވެއެވެ. އަދި އެ މެންބަރަކު ޕާޓީން – ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން
– އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

ގާނޫނު ބުނާ ގޮތުން މިއިން ހާލަތެއް މެދުވެރިވެއްޖެ ނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެ އެވެ. އަދި އީސީން އެކަން މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދޭންވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

މެންބަރުކަމުން ވަކިވާ ހާލަތްތަކުގައި ނުވަތަ ގޮނޑި ގެއްލޭ ހާލަތުތައް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހަކު، އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް ހޮވިއްޖެ ނަމަ އެ ގޮނޑިއަކަށް ވާނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނުން ހައްލު ހޯދިފައި އަދި ނުވާ ކަމަށް ބެލެވޭ އެ ސުވާލު އުފެއްދެވީ އީސީގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބެވެ. ހަބީބު ވަނީ އޭނާއަށް އެ ގާނޫނުން ފާހަގަވި ދެކަމަކާ ގުޅޭ ގޮތުން ސުވާލު އުފައްދައިފަ އެވެ. އެ ދެކަމަކީ:

”ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓަކު ވާދަކުރެއްވީ އަމިއްލަގޮތުންނެވެ. އިންތިހާބުގައި ވާދަކޮށްގެން އޭނާ ހޮވިއްޖެއެވެ. އޭނާ ސިޔާސީ ޕާޓީއަކަށް ނިސްބަތްވެއެވެ. އެކަމަކު އޭނާ ހޮވުނީ މިނިވަން އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އިލެކްޝަންސް ކޮމިޝަނުން އޭނާ ޕާޓީއަކަށް ނިސްބަތްވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟“

”ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވައިގެން ހޮވުނު މެންބަރަކު ނުވަތަ އަމިއްލަ ޙައިސިއްޔަތުން އިންތިހާބުގައި ވާދަކޮށްގެން ހޮވުނު މެންބަރަކު އެ މެންބަރަށް އެނގުމަކާ ނުލައި، އެހެން ޕާޓީއަކަށް އޭނާ ވައްދައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން އެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ދެންވާނީ ކިހިނެއްތޯ؟“ ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ ހާލަތުންކުރެ ހާލަތެއް މެދުވެރިވާ މެންބަރެއްގެ ވާހަކަ އެންޓި-ޑިފެކްޝަން ގާނޫނުން ފެންނަން ނެތް ކަމަށެވެ. އަދި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތުންކުރެ ހާލަތަކަށް އިސްވެ ދެންނެވުނު ގާނޫނުގައި ބަޔާންކޮށްފައިވާ މެންބަރަކު، މަގާމުން ވަކިވާނެ ހާލަތު އެންޓި ޑިފެކްޝަން ގާނޫނުގައި ބަޔާންކޮށްފައިވޭތޯވެސް ހަބީބު ސުވާލު ކުރެއްވި އެވެ.

ގާނޫނު އަސާސީގެ 72 ވަނަ މާއްދާއަކީ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައިވާ ގޮތުން މަޖިލީހުގެ މެންބަރަކަށް ވެވޭނީ ދިވެހި ރައްޔިތަކަށްވެފައި، ބޭރުގެ ރައްޔިތަކެއް ކަމުގައިނުވާ މީހުންނަށާއި ސުންނީ ޖަމާއަތަކަށް ނިސްބަތްވާ މީހުންގެ އިތުރުން 18 އަހަރު ފުރިފައިވާ މީހުންނަށާއި ބުއްދި ސަލާމަތުން ހުންނަ މީހުންނަށެވެ.